ރައްޔިތުންގެ މަޖިލިސް

ކޯރަމް ހަމަނުވުމުން ޖަލްސާ ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުން ނިންމާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް އެޖެންޑާކޮށްފައި އޮތީ ހެނދުނު 9:00 ގަ އެވެ.

ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ 9:30 ގައި ޖަލްސާ ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނަމަވެސް 9:30 ވީއިރުވެސް ކޯރަމް ހަމަވެފައިނުވެ އެވެ.

"މިއަދުގެ ޖަލްސާގެ ކޯރަމް ހަމަވެފައިނުވާތީ މި ހިސާބުން މިއަދުގެ ޖަލްސާ ނިންމާލަން،" ޖަލްސާ ނިންމާލައްވަމުން އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ޑރ. އަބްދުﷲ މުއްތަލިބް އާ ކުރައްވާ ސުވާލު ހިމެނެ އެވެ.