ޑރ. މުހައްމަދު މުއިއްޒު

އަންހެނުންގެ ކޮމިޓީތަކަށް ދޭ އެލަވަންސް މުސާރައަށް ބަދަލުކުރަން މަޖިލީހަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީސް ދެން އަންނަ ދައުރަށް ހުޅުވޭ ފުރަތަމަ ހަފުތާ ތެރޭ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކަށް ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށް ހުށަހަޅަންޖެހޭ އިސްލާހް ހުށަހަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ވާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ ޑަބްލިއުޑީސީތަކަށް ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށްޓަކައި ވަޒީފާއާބެހޭ ގާނޫނާއި ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެންނަވަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެގޮތުން މި ދެ އިސްލާހްގެ ތެރޭގައި މިހާރު ލިބޭ އެލަވަންސަށް މުސާރައިގެ ދަރަޖަ ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

މިހާރު އެލަވަންސެއްގެ ގޮތުގައި ފައިސާ ދެމުންދާތީ، ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމަށް ހުރި ހުރަސްތަކާއި ބޭންކުތަކުން ލޯނު ހޯދުމަށް ދިމާވާ ދަތިތަކުގެ އިތުރުން، ވިހެއުމުގެ ޗުއްޓީ ފަދަ ކަންކަން ހަމަޖައްސައިދިނުމުގައި ގޮންޖެހުންތައް ކުރިކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ބަދަލަކީ މިދިޔަ އެއް އަހަރުތެރޭ އެ މަނިކުފާނަށް ބައްދަލުކުރެއްވުނު ހުރިހާ ޑަބްލިއުޑީސީތަކުންވެސް އެދުނު ކަމެކެވެ.

"މި އިސްލާޙްތައް ގެނެސް އިރާދަކުރެއްވިއްޔާ، އަންނަ ރަމަޟާން މަހުން ފެށިގެން ކޮންމެ ރަމަޟާން މަހެއްގައިވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ މަހުގެ އިނާޔަތް ލިބޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ އެލަވަންސަކީ މުސާރަ ލިބޭ އެހެން މުވައްޒަފުންނަށް ލިބޭ ކަހަލަ މުސާރައިގެ ހައިސިއްޔަތު ލިބިފައިވާ އެއްޗަކަށް ބަދަލުކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ފުލްޓައިމްކޮށް ވަޒީފާއަށް ނުކުންނަވަން ނުޖެހި މިހާރުވެސް މަސައްކަތްކުރާ އުސޫލުން މަސައްކަތް ކުރުމުން އެ އިނާޔަތްތައް ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

އަންހެނުންނަކީ ކޮންމެ ރަށެއްގެވެސް ރަށު ތަރައްގީއަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރާ ފަރާތްތައް ކަމަށްވާއިރު އެކަމުގެ އަގު ވަޒަންކުރަން ބޭނުންފުޅުވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

އެކަމުގައި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށާއި އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަކަމާ އެކީގައި އެއް ހައިސިއްޔަތެއް ލިބިގެން ރަށުގެ އަދި ގައުމުގެ ތަރައްގީއަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހެދުމަކީ ވިސްނުންފުޅެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އެގޮތުން މަތިފަޑީގައި، (ޓޮޕް މެނޭޖްމަންޓު) ގައި އަންހެނުންނަށް ޖާގަ ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ވިދާޅުވި އެވެ.

މިދިޔަ ހުރިހާ ސަރުކާރުތަކާ އަޅާކިޔާއިރުގައި މި ސަރުކާރުގައި ކުންފުނިތަކުގެ ވެރިން އަދި އެހެނިހެން އިސް ފަންތީގައި އެންމެ ގިނަވާނީ އަންހެނުން ކަމަށާއި މީގެ ކުރިން އަންހެނުން ލީޑް ނުކުރާ މުއައްސަސާތަކުގައި ގައުމީ ފެންވަރުގައި މިހާރު އަންހެން ތިބޭނެކަން ރައީށް ފާހަގަކުރެއްވި އެވެ. އަދި އަންހެންކުރާ މަސައްކަތުގައި ދޭންޖެހޭ "ރެކޮގްނިޝަން" ދީ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ވިދާޅުވި އެވެ.