ރައީސް އޮފީސް

ގައުމީ އިނާމު ކޮމިޓީ އެކުލަވާލައި ޗެއާއަކަށް ކަށިމާ ޝާކިރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމީ އިނާމާބެހޭ ކޮމިޓީ އެކުލަވާލައި ޗެއާޕަސަންގެ މަގާމަށް ކަށިމާ އަހުމަދު ޝާކިރު އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އެ މަގާމަށް ބޭފުޅަކު މި އައްޔަންކުރެއްވީ ކޮމިޓީގެ ޗެއާޕަސަންގެ މަގާމުގައި ހުންނެވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ސިއްހީ ސަބަބުތަކަކަށްޓަކައި އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެންނެވެ.

އަނީސާ އަހުމަދުގެ އިސްތިއުފާ ގަބޫލުފުޅުކުރައްވައި، އެ ކަމަނާއަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕަސަންގެ ހައިސިއްޔަތުން ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކުގައި ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށްޓަކައި އެ ކަމަނާއަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

މި ބަދަލުގެ އިތުރުން ގައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރު ކަމުގައި ހުންނެވި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މާފަންނު މަޚްމާވިލާ އިބްރާހީމް އިސްމާއީލް އަލީ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ޑިސެމްބަރު 14، 2023 ގައި އައްޔަން ކުރެއްވުމާ ގުޅިގެން އިބްރާހީމް އިސްމާއީލްގެ ބަދަލުގައި އެކޮމިޓީގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މއ. ވިލުވެލި ބަދުރުއްނަސީރު އައްޔަންކުރައްވާފަ އެވެ.