އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް -- ޑަބްލިޔުޑީސީތަކުން އެދެމުންދާ އެލަވަންސްތައް ހޯދައިދިނުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ފުވައްމުލައް ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ރޭ ދެއްކެވި ވާހަކަފުޅުގައި ޑަބްލިޔުޑީސީތަކަށް ރޯދަ މަހުގެ އިނާޔަތް ހަމަޖައްސައިދިނުން ފަދަ ކަންކަމުގައި މިހާރު ޤާނޫނު އޮތްގޮތުން ހުރަސްތަކެއް ހުރިކަން ފާހަގަ ކުރެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފުވައްމުލައް ސިޓީގެ ސިއްހީ ހިދުމަތްތައް މިހާރު ހުރީ ހުންނަންވީ ފެންވަރުގައި ނޫން ކަމަށެވެ. އެސިޓީގައި މި ސަރުކާރުން ފުރިހަމަ ޓާޝަރީ ހޮސްޕިޓަލެއް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މޫދަށް އެރޭނެ ތިން ސަރަހައްދެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ބަނދަރު ބޮޑުކޮށް އަލުން ތަރައްގީ ކުރާނީ ރައްޔިތުން އެދޭ ގޮތަށް ގިނަ ބޭނުންތަކަށް ފުދޭ ބަނދަރެއްގެ ގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ފުވައްމުލައް ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ސިޓީތަކުގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ފެށުންކަމުގައެވެ.
ފުވައްމުލައް ސިޓީގައި އިއްޔެ ފެށި މަޝްރޫއުގެ ދަށުން ޖުމްލަ 12 ކިލޯމީޓަރުގެ މަގު ހަދާނެ އެވެ.
މީގެ އިތުރުން ކައުންސިލްތަކަށް ފަޅުރަށް ލިބޭ ގޮތަށް ގެންނެވި ބަދަލާއެކު ފުވައްމުލައް ސިޓީއަށް އިގުތިސާދީ މަންފާ ލިބޭގޮތަށް ފަޅުރަށެއް ހޯދުމުގައި އެއްބާރުލުންދީ ސީދާ ސަރުކާރުން އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.