ގދ. މާވަރުލު އެއާޕޯޓު އިތުރަށް ތަރައްޤީކޮށް އެ އެއާޕޯޓާއި ގދ. ގައްދޫއާ އެއްގަމުން ގުޅާލާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާވަރުލުގައި އެއާޕޯޓެއް އެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުރަތަމަ އަމިއްލަ ބަޔަކާ ހަވާލުކުރި ނަމަވެސް ފަހުން އެ މަސައްކަތް ކުރީ އެމްޓީސީސީ އިންނެވެ.
މާވަރުލު އެއާޕޯޓަށް ރަސްމީ ދަތުރުތައް ފެށީ ޖުލައި 1، 2020 ގައެވެ.
ގދ. ގައްދޫއަށް މިއަދު ހެނދުނު ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ގައްދޫގެ ތަރައްގީއަށް ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ގައްދޫގެ ތަރައްގީއާ ގުޅިފައިވާ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ބިން ހިއްކުމުގެ މަޝްރޫއު ފާހަގަކުރައްވައި މިސަރުކާރުން އެކަން ކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.
"މީގެ އިތުރުން ހޮސްޕިޓަލް މަޝްރޫއުގެ މަސައްކަތްވެސް ވީހާވެސް އަވަހެއް ކޮށްދެވޭތޯ ބަލާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި އަދި ރަށުގެ ތަރައްގީއަށް ކުރިއަށްގެންދާ މަސައްކަތްތައް ކުރުމުގައި ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.
ރައްޔިތުންނަށް ހިދުމަތްކުރުމުގެ ޒިންމާއާ ހަވާލުވެ އެކަމަށް ހުވައެއް ކުރުމަށްފަހު ހަމަހަމަކަމާއެކީ އެމީހަކު އެނިސްބަތްވާ ޕާޓީއަކަށް ބެލުމެއްނެތި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް، މަގާމުތަކަށް އިންތިހާބުވާ ބޭފުޅުންނަށް ރައީސް ބާރުއެޅުއްވި އެވެ.
"ރައްޔިތުން އިންތިހާބެއްގައި އެމީހަކު ހޮވައި އެ ހަވާލުކުރާ ޒިންމާ އަދާކުރުމުގައި، ތެދުވެރިކަމާއި، އަމާނާތްތެރިކަން އިސްކޮށް ހަމަހަމަކަން އިސްކުރަން ޖެހޭނެ. ސިޔާސީ ފިކުރާއި ސިޔާސީ ވިސްނުމަކީ ދޭތެރެ މެދުން ހުރަހަކަށް ވާންޖެހޭ ކަމަކަށް ހަދައިގެން ނުވާނެ،" ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވައި ގައުމު ތަރައްގީކޮށް ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތައް ކުރަމުންދާ ކަމުގައި ވިދާޅުވެފަ އެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.