ގއ. ކޮލަމާފުށީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއު ހަގީގަތަކަށް ހަދައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކޮލަމާފުށި ސްކޫލުގައި މިއަދު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ކޮލަމާފުށީގެ ރައްޔިތުންގެ އިގްތިސާދީ ތަރައްގޫއަށްޓަކައި ކުރަން ވައުދުވެވަޑައިގެންފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ތެރެއިން ސިޓީ ހޮޓަލެއް އަޅައިދީ މުޅި މަޝްރޫއު އެކީ ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.
"އެކަމަށްޓަކައި އިކޮނޮމިކް ކައުންސިލް ތެރެއިން ކުރަންހުރި މަސައްކަތްތައްކޮށް ވީއެންމެ އަވަހަށް އެ މަޝްރޫއުގެ އއަމަލީ މަސައްކަތް ފެށިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ގައުމަށް ތަރައްގީ ގެނައުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ ކަމަށާއި އެ މަސައްކަތްތައް ކުރާނީ ހަމައެކަނި ބަޖެޓަށް ބަރޯސާވެގެން ނޫން ކަމަށެވެ.
"މި ސަރުކާރުން ކުރިއަށްދާނީ އިންވެސްޓަރުންނާއި ޑިވެލޮޕަރުން ގެނެސް، ޕްރައިވެޓް ސެކްޓަރު ކުރިއަރައި އަދި އިންވެސްޓަރުން ޝައުގުވެރިވާ ފަދަ މަޝްރޫއުތަކަށް ޖާގަދީގެން،" ރައީސް ވިދާޅުވި އެވެ.
ކޮލަމާފުށީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއު ހަގީގަތަކަށް ހަދައިދެއްވާނެކަމުގައި ޔަގީންކަން ރައީސް ދެއްވުމުން އެ ރަށު ކައުންސިލުން މިއަދު ވަނީ ރައީސް މުއިއްޒުއަށް ޝުކުރު އަދާކޮށްފަ އެވެ.