ޑރ. މުހައްމަދު މުއިއްޒު

ޓޫރިޒަމްގެ އެއްވަނަ މާކެޓްގެ މަގާމު ޗައިނާއިން އަލުން ހޯދަން ރައީސް އެދިވަޑައިގެންފި

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނަ މަގާމު އަލުން ހޯދުމަށް ޗައިނާއިން ކުރާ މަސައްކަތް ވަރުގަދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

ޗައިނާގެ ފުޖިއަން ޕްރޮވިންސްގައި ބާއްވާ ރާއްޖޭގެ ބިޒްނަސް ފޯރަމް ފައްޓަވައި ދެއްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ ޗައިނާއަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓްކަން ފާހަގަކުރައްވާފަ އެވެ.

"ޗައިނާއަށް މި މަގާމު އަލުން ހޯދުމަށް މަސައްކަތްތައް ވަރުގަދަ ކުރުމަކީ އަޅުގަނޑުގެ އެދުމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ އިގުތިސާދު ހަރުދަނާކޮށް ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ގޮތުން ފަތުރުވެރިކަމުގެ އާ ތަޖުރިބާތަކަށް ސަރުކާރުގެ ވިސްނުން އެބަހުރި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ ތެރޭގައި މަތީ ފަންތީގެ ހޮސްޕިޓަލިޓީ ސްކޫލެއް ގާއިމުކުރުމާއި ކުޅިވަރާއި މެޑިކަލް އަދި ސަގާފީ ޓޫރިޒަމް ހިމެނޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނަ މަގާމު ހޯދުމަށް ޗައިނާއިން ކުރާ މަސައްކަތް ވަރުގަދަކުރަން ރައީސް އެދިވަޑައިގެންފައި މިވަނީ ދިވެހި ސަރުކާރުގެ އިސް ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ރައްޔިތުންނަށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރި މައްސަލައެއް ހޫނުވެ އިންޑިއާގެ ބައެއް ޓްރެވަލް އެޖެންސީތަކުން ރާއްޖެއަށް ބުކިން ހެދުން ހުއްޓާލާފައިވަނިކޮށެވެ.

ސަރުކާރުގެ އިސްވެރިންނާއި ބައެއް އާންމު ދިވެހިންގެ މަލާމާތް މޯދީއަށް އަމާޒުވީ އިންޑިއާގެ ލަކްޝަދީބްގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި މޯދީ އެރަށަށް ވަޑައިގެން ނެންގެވި ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުކުރުމާ އެކު އިންޑިއާގެ ފަތުރުވެރިން ދެން ރާއްޖެއަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ރާއްޖެ ދައްކޮށްލުމުގެ ނިޔަތުގައި އިންޑިއާގެ ބައެއް ރައްޔިތުން ސޯޝަލްމީޑިއާގައި ފާޅުކުރި ޝުއޫރުތަކަކަށްފަހު އެވެ.

މައްސަލަ ހޫނުވީ ސަރުކާރުގެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަރިޔަމް ޝިއުނާ އާއި، މަލްޝާ ޝަރީފާ އަދި އަބްދުﷲ މަހްޒޫމް މާޖިދު، މޯދީއަށް އަމާޒުކުރައްވާ ބޭނުންކުރި ބޭއަދަބީ ބަސްތަކެއްގެ ސަބަބުންނެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެގައުމުން އެ އަހަރު 284،029 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ކޮވިޑަށްފަހު ޗައިނާއިން ފަތުރުވެރިން އަންނަން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ޗައިނާއިން މިދިޔަ އަހަރު 187،118 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. މިދިޔަ އަހަރު ނިމުނުއިރު ޗައިނާ އޮތީ ފަތުރުވެރިކަމުގެ މާކެޓްގެ ތިންވަނައިގަ އެވެ.