މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ހއ. އަތޮޅުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ވެގެންދާނީ ރާއްޖޭގައި ފެށޭ އިގްތިސާދީ އެންމެ ބޮޑު މަޝްރޫއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. ހޯރަފުށީ ރައްޔިތުންނާ އެރަށުގައި މިއަދު ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ފާއިތުވި 14 ހަފުތާގެ ތެރޭގައި އިގްތިސާދީ ދާއިރާ ކުރިއެރުވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް މިސަރުކާރުން ފަށާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެމނިކުފާނު މަސައްކަތްކުރައްވަނީ ދަރަނި އިތުރުވިޔަ ނުދިނުމަށާއި، ދަރަނި ދެއްކުމަށާއި، އިގްތިސާދަށް އާމްދަނީ އިތުރުކޮށް އިގްތިސާދު ފުޅާކުރުންފަދަ ހުރިހާ ކަމެއް އެކުއެކީގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ވާރުތަވި ދަރަނީގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ދަތިތަކެއް ހުރި ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަންކަން އިގްތިސާދު ރަނގަޅުވަމުން އަންނަ ގޮތަކަށް ކޮށްދެއްވަމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ހޯރަފުށީގެ ތަރައްގީއަށް ހިންގަން ފެށި މަޝްރޫއުތަކުގެ ތެރެއިން ހުއްޓިފައިހުރި މަޝްރޫއުތައް އަލުން ފައްޓަވައި ދެއްވާނެ ކަމަށެވެ. އަދި މުޅިން އަލަށް ފަށަން ހަމަޖެހިފައިވާ މަޝްރޫއުތަކާއި، ކެމްޕޭންގައި ވައުދުވެވަޑައިގެންފައިވާ މަޝްރޫއުތަކަށް އިސްކަންދެއްވައިގެން މަޝްރޫއުތައް ތަރުތީބުކޮށް، މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ހިންގައިދެއްވާނެކަމުގެ ޔަގީންކަން ދެއްވެވި އެވެ.
"ހާއްސަ އިސްކަމެއް ދޭނެ ކަންކަމުގެ ތެރޭގައި ހޮސްޕިޓަލުގެ މަޝްރޫއާއި ގިރާ ސަރަހައްދަށް ހައްލެއް ގެނައުމާއި ޒަމާނީ ފެންވަރަށް ކުނި މެނޭޖްކުރުން އަދި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.