މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ވެރިންނަށް ކުޑަކުދިންގެ މައްސަލަތަކާ ގުޅޭ ވޯކްޝޮޕެއް

ދިވެހި ފުލުހުންގެ ހިދުމަތުގެ ރީޖަން ކޮމާންޑަރުންނާއި އަތޮޅު ކޮމާންޑަރުންނަށް ހާއްސަކޮށްގެން "ޗައިލްޑް ސޭފްގާޑިން އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވޯކްޝޮޕް" ފަށައިފި އެވެ.

އާދަމް ހަލީމް އިންވެސްޓިގޭޝަން ބިލްޑިންގައި މިއަދު ފެށި މި ވޯކްޝޮޕަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕްގައި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމާއި އިޖުރާއަތްތައް އޮންނަ ގޮތާއި ކުޑަކުދިންނަށް ކުރާ އަނިޔާ އަދި ކުށްކުރާ ކުދިންނާއި ގެވެށި އަނިޔާގެ މައްސަލަތަކަށް ހެދިފައިވާ ގާނޫނުތައް ބޭނުންކުރާނެ ގޮތްތައް ކިޔައިދިނުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން މައްސަލަތަކުގައި ޝާމިލުވާ ކުޑަކުދިންނާއި ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ އާއިލާތަކާއި ކުށުގެ ވެށިން ގެނެވޭ ކުޑަކުދިންނާއި އަންހެނުންނާ މުއާމަލާތުކުރާނެ ގޮތްތައް ކިޔައިދިނުމަށް ހަމަޖެހިފައިވެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޯކްޝޮޕުގައި މިއަދު ކުރިއަށް ގެންދަނީ "ޗައިލްޑް ސޭފްގާޑިން ވޯކިން ޓުގެދަ" އެވެ.

މި ވޯކްޝޮޕްގެ ތެރެއިން މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޔުނިސެފްގެ ފަރާތުން ކުރިއަށްގެންދާ އިބަމަ ޓްރެއިނިން ސެޝަންތަކެކެވެ.

ރީޖަން ކޮމާންޑަރުންނާއި އަތޮޅު ކޮމާންޑަރުން، ސުޕްވައިޒަރީ ލެވެލްގައި އަމަލުކުރަންޖެހޭ ގޮތްތަކާ ގުޅޭގޮތުން ކުރިއަށްގެންދާ މި ވޯކްޝޮޕުގައި 29 ފުލުހުން ބައިވެރިވެ އެވެ.