ރައްޔިތުންގެ މަޖިލިސް

ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށުނު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވުމުން ޖަލްސާ ފެށުން ފަސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ގާނޫނީ އަދަދު ހަމަނުވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގައިވާ ގޮތުން ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ 25 ޕަސަންޓެވެ. މަޖިލީހުގެ އެއްވެސް ޖަލްސާއެއް ފެށޭނީ ގާނޫނީ އަދަދު ހަމަވުމުން ކަމަށް މަޖިލީހުގެ ގަވާއިދުގައިވެ އެވެ.

"ޖަލްސާގެ ގާނޫނީ އަދަދު ހަމަނުވާތީ އަޅުގަނޑު ގަސްތުކުރަނީ 9:30 ގައި އަލުން ޖަލްސާ ކުރިއަށް ގެންދަން. މިވަގުތު ޖަލްސާއަށް ވަޑައިގެން ތިއްބެވީ 11 މެންބަރުން،" ރިޔާސަތުގައި އިންނެވި އަބްދުލްގަފޫރު މޫސާ ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް މަޖިލީހަށް ތައާރަފުކުރުން ހިމެނެ އެވެ.