ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ބޭނުމަށް އުތުރު ތިލަފަޅުން 200 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު މުސްތަފާގެ ކެމްޕޭން ހަރަކާތެއްގައި މިރޭ ބައިވެރިވެވަޑައިގެން ރައީސް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ތަކެތި ބޭރުން ގަތުމަށް މިހާރު ކުރަމުންދާ ބޮޑު ހޭދައަށް ނިމުމެއް ގެނައުމާ އެކު ދިވެހިންނަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި ހެއްދުން ކަމަށެވެ.
"އެ އަމިއްލަވަންތަކަން ގާއިމުކުރުމުގެ މަސައްކަތް މިހާރު އެވަނީ ފެށިފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އުތުރު ތިލަފަޅުގައި ކުރިއަށް ގެންދާ މަޝްރޫއު ވެރިކަމުގެ މިދައުރުގެ ތެރޭގައި ހަގީގަތަކަށް ހަދައި އުތުރު ތިލަފަޅުގައި ހުރިހާ ދިވެހިންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ހެއްދޭނެ ކަމަށެވެ. ދިވެހިންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ހެއްދުމަށްފަހު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށްގެން ވެސް ކާބޯތަކެތި ހައްދަން ފަށާނެ ކަމަށެވެ.
ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އުތުރު ތިލަފަޅުގައި މަޝްރޫއެއް ކުރިއަށް ގެންދަން މިސަރުކާރުން ނިންމިއިރު ނިމިދިޔަ ސަރުކާރުން ނިންމާފައި އޮތީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ އަހަރުވީ މީހުންނަށް އުތުރު ތިލަފަޅުން ގޯތި ދިނުމަށާއި އެމްއެންޑީއެފްގެ ޑޮކްޔާޑެއް އެޅުމަށެވެ. އެކަމަކު ރައީސް މުއިއްޒު ވަނީ އެ ނިންމުން ބަދަލުކުރައްވާފަ އެވެ.
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އުތުރު ތިލަފަޅަކީ އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް)އެއް ކަމަށްވެސް ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. އަދި އެތަނުގައި މިމަޝްރޫއު ކުރިއަށް ގެންދިއުމަށް އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ ދެމެދު މިދިޔަ ބުދަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިިކޮށްފަ އެވެ.