ޓީ-ބިލް

ދެ ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަނީ

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ދެ ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 852 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 224 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ.

މީގެ އިތުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް 66 މިލިއަން ރުފިޔާގެ ޓީ-ބިލަކާޢި 364 ދުވަހުން އަނބުރާ ދެއްކުމަށް 869.3 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކަން ވަނީ އިއުލާނުކޮށްފަ އެވެ.

ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.

ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.