ޑރ. މުހައްމަދު މުއިއްޒު

ފަލަސްތީނަށް އިންސާފު ހޯދައިދިނުމުގައި ލިބުނީ ތާރީހީ ކާމިޔާބެއް: ރައީސް

ފަލަސްތީނަކީ އދގެ ދާއީމީ މެމްބަރަކަށް ވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށް އދ. އާންމު މަޖިލީހުން މިއަދު ފާސްކުރުމަކީ ފަލަސްތީން ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ތާރީހީ ބޮޑު ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްތީނަކީ އދގެ ދާއީމީ މެމްބަރަކަށް ވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށް އެ ޖަމާއަތުގެ އާންމު މަޖިލީހުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން 143 ގައުމުގެ ވޯޓުން ފާސްކުރުމުންނެވެ.

މިއަދު ފާސްކުރި މި ގަރާރަކީ ދިވެހިރާއްޖެ އިން ކޯ ސްޕޮންސާ ކޮށްފައިވާ ގަރާރެކެވެ.

ފަލަސްތީނަށް ދާއީމީ މެމްބަރުކަން ދިނުމަށް މިދިޔަ މަހު ސަލާމަތީ މަޖިލީހުގައި ނެގި ވޯޓު ވީޓޯކޮށް އެމެރިކާއިން ފޭލިކޮށްފައިވާތީ އެ މައްސަލަ އަލުން މުރާޖައާ ކުރުމަށްވެސް އާންމު މަޖިލީހުން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.

އާންމު މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެމެރިކާއާއި އިޒުރޭލާ އެކު ޖުމްލަ ނުވަ ގައުމަކުން ވަނީ ފަލަސްތީނަށް ދާއިމީ މެމްބަރުކަން ދިނުމަށް ދެކޮޅު ހަދާފަ އެވެ. އަދި އެއްވެސް ކޮޅަކަށް ޖެހެން 25 ގައުމަކުން ބޭނުމެއް ނުވި އެވެ.

ރައީސް ޑރ. މުއިއްޒު މިރޭ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީން ރައްޔިތުން މިނިވަން އަމިއްލަ ދައުލަތެއްގެ ހައްގު ހޯދުމަށް މަސައްކަތްތައް ކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އެ މަސައްކަތުގައި ފަލަސްތީން ރައްޔިތުންގެ ފަރާތުން ފެނިގެންދާ ކެތްތެރިކަމާއި ހިތްވަރަކީ ދިވެހިން ނަމޫނާ އަކަށް ދެކޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ފަލަސްތީންގެ މިނިވަން ދައުލަތް އޮންނަންވާނީ 1967 ވަނަ އަހަރު ކަނަޑައެޅުނު ބޯޑަރުގެ މައްޗަށް ކަމަށާއި ފަލަސްތީންގެ ވެރިރަށަކަށް ވާންޖެހޭނީ އިރުމަތީ ގުދުސް ކަމަށެވެ. ފަލަސްތީންގެ މިނިވަން ދައުލަތަކަށް ދިވެހިރާއްޖެ އިން ވަކާލާތު ކުރުމުގައި ދެމިތިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.