ހައުސިން ޔުނިޓް

ރެހެންދި ފްލެޓްގެ 11 އެޕާޓްމަންޓެއް ވިއްކާލަނީ

ޓީވީ ކޮށީގައި އިމާރަތް ކުރެވިފައިވާ "ރެހެންދީ ފްލެޓް" ގެ 11 އެޕާޓްމަންޓު ވިއްކާލަން ހައުސިން މިނިސްޓްރީ އިން އިއުލާންކޮށްފި އެވެ. ހައުސިން މިނިސްޓްރީ އިން މިދިއަ ބުރާސްފަތި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި އެޕާޓްމަންޓުތައް އާމުންނަށް ހުޅުވާލައި، ވިއްކަން ނިންމީ ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ. އެގޮތުން ރެހެންދި އެކެއްގެ އެއްފްލެޓާއި ރެހެންދި ތިނެއްގެ 10 ފްލެޓު ގަތުމަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ ރެހެންދީގެ ޕާޓުމަންޓެއް ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީއަށް ވަޑައިގެން، މައުލޫމާތު ސާފުކުރެއްވުމަށްފަހު މިމަހު 31 ގައި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ރެހެންދި ފްލެޓުގެ އެޕާޓްމަންޓެއް ގަތުމަށް އެދޭ ފަރާތުގައި ހުންނަން ޖެހޭ ޝަރުތުތައް ފާހަގަކޮށް އިއުލާނުގައި ބުނެފައި ވަނީ ފްލެޓް ގަތުމަށް ހުށަހަޅާ ފަރާތުގެ ނަމުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތް ފަރާތަކަށް ވާންޖެހޭ ކަމަށާއި އަދި ޑައުންޕޭމަންޓްގެ ގޮތުގައި މަދުވެގެން ފްލެޓްގެ އަގުގެ 25 ޕަސަންޓު ދެއްކޭނެ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ.

ޕްރޮޕޯސްލް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް އުސޫލުން މާރކްސް ދިނުމަށްފަހު، ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅާނީ އެންމެ ގިނަ ޕޮއިންޓް ލިބޭ ތަރުތީބަށް އިސްކަންދީގެން ކަމަށާއި ފްލެޓްގެ އަގު އެއްފަހަރާ ދައްކަން ހުށަހަޅާ ފަރާތްތައް ވިއްކަން ކަނޑައަޅާފައިވާ ފްލެޓަށް ވުރެ ގިނަނަމަ، ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.