ރަސްފަންނު

އުފަލުގެ މައިޒާން ނުރައްކަލުގައި

މާލޭގައި ދިރިއުޅޭ ރައްޔިތުން ހިތްހަމަޖައްސާލުމަށް ކުރެވޭނެ ބައެއް ކަންކަން ހިމަނައިގެން މާލޭގެ ހުޅަނގު ފަރާތުގައި "ރަސްފަންނު"ގެ ނަމުގައި ހާއްސަ ގޮނޑު ދޮށެއް އުފެއްދީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ކުލަގަދަ ހަފްލާއެއްގެ ތެރެއިން ރަސްފަންނު ރަސްމީކޮށް ހުޅުވީ ފެބްރުއަރީ 7، 2016 ގައެވެ.

ރަސްފަންނު ހެދީ މާލޭގެ ހުޅަނގު ފަރާތުން ނަގަމުންދާ ބިޔަ ބޮޑެތި ރާޅުތަކުން މާލެ ސަލާމަތްކުރުމަށް ލާފައި އޮތް ވަރުގަދަ ބޭރުތޮށި ރޫޅާލުމަށްފަހު އެވެ. ރަސްފަންނު ހަދަމުން ދިޔައިރު އެއީ ގޮނޑުދޮށެއް ހެދުމަށް އެންމެ ރަނގަޅު ސަރަހައްދު ނޫން ކަމަށް އޭރުވެސް އެތައް ބަޔަކު ދިޔައީ ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ގޮތް ދޫނުކޮށް ރަސްފަންނުގެ މަސައްކަތް ނިންމާ އެތަން އާންމުންނަށް ހުޅުވާލި އެވެ.

މާލޭގެ ހުޅަނގު ފަރާތުގައި ބީޗެއް ހެދުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ބައެއް މީހުން އޭރު ބުނީ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގައި އެ ސަރަހައްދު ގިރާނެތީ އެވެ. ރަސްފަންނު މިއަދު އެވަނީ މުޅި ގިރާލައި އެތަނުގައި އޮތް ބޮޑު ވެލިގަނޑު ގެއްލި ހުސްވާ ހިސާބުގައެވެ. ރަސްފަންނުގައި ހުރެ މުޅި ސަރަހައްދަށް ބަލާލުމުން އެ ސަރަހައްދު ކުރިން އޮތް ގޮތާއި އެ ސަރަހައްދު މިހާރު އޮތް ގޮތް ވަޒަންކޮށްލުމުން ތަނަށް ލިބިފައިވާ ބޮޑު ގެއްލުން އިހްސާސް ކުރެވޭނެ އެވެ.

ރަސްފަންނުގެ އެއްގަމު ތޮށިލާފައިވަނީ މާލޭގެ އެންމެ ބޭރަށް އޮންނަ ބޮޑުތަކުރުފާނު މަގާ އިންވެގެންނެވެ. ރަސްފަންނުގެ އެއްގަމު ތޮށިގަނޑާ ހަމައަށް ބައެއް ތަންތަނުން މިހާރު ވަނީ ގިރާލާފަ އެވެ. އެހެންކަމުން އާންމު ރައްޔިތުންގެ ހިތްހަމަޖެހުމަށްޓަކައި 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ރަސްފަންނު މިހާރު އެވަނީ މާލޭގެ ރައްޔިތުންނަށް ނުރައްކާ ވެދާނެ ފަދަ ހާލަތެއް ގައެވެ. މިއީ ކަމާ ގުޅޭ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ މައްސަލަ އެކެވެ.

ރަސްފަންނުގައި ކުޑަތަކެއް ގޮތަށް ފަނުން ހަދާފައިވާ ކުޑަތަކަށާއި އެ ސަރަހައްދުގައި ބަހައްޓާފައިވާ ޖޯލިފަތިތަކަށާއި ފެން އިސްކުރުތަކަށާއި ބާބަކިއު ހެދުމަށް ހަދާފައިވާ އަށިތަކަށާއި އަދި މަސް ބާނާ ސަރަަހައްދުގައި ހަދާފައިވާ ލަކުޑި ޑެކްވެސް މިހާރު ވަނީ ވަރަށް ބޮޑަށް ލޮނުގެ އަސަރުކޮށް މުޅިންހެން ހަލާކުވެފަ އެވެ. ޖުމްލަކޮށް ބުނާނަމަ މުޅި އެ ސަރަހައްދު އެވަނީ އަލުން ތަރައްގީކުރަން ޖެހިފަ އެވެ.

ރަސްފަންނު ހުޅުވި ރޭ ރައީސް މުއިއްޒު ވިދާޅުވި "ތިމާވެއްޓާ ރައްޓެހި އައުޓް ޑޯ ޖިމު" މިހާރު އެވަނީ އެ ތަން ބޭނުންކުރާ މީހުންނަށް ނުރައްކަލަކަށް ވެފަ އެވެ.