އީދު ފާހަގަ ކުރުން

ބޭނުމީ އެންމެންގެ ބައިވެރިވުން އޮތް އީދެއް

އަ ޟްހާ އީދުގެ ދުވަސްތައް މިއަދު ފެށިގެންދާއިރު މިއީ އަހަރުގެ ތެރޭގައި ދިވެހިން އެންމެ ކުލަގަދަކޮށް އަދި އެންމެ ފޯރިގަދަކޮށް ފާހަގަކުރާ ދުވަސްތަކެވެ. އީދު ވިލޭރޭ އީދުގެ ހަރަކާތްތައް ބައެއް ރަށްރަށުގައި ފެށި ނަމަވެސް ގިނަ ރަށްރަށުގައި އީދުގެ ހަރަކާތްތައް ރަސްމީކޮށް ފަށަނީ ބޮޑު ޖަމާއަތުގައި ކުރާ އީދު ނަމާދަށްފަހު އެވެ.

ދީނީ އަދި އިޖުތިމާއީ ވަރުގަދަ ގުޅުމެއް ފެނިގެންދާ އީދު ނަމާދަށްފަހު ދެން އެންމެންހެން އަވަސްވެ ގަންނަނީ އީދުގެ ކުޅިވަރުތައް ފެށުމަށެވެ. އެކަމުގައިވީ ވަރަކުން ބައިވެރިވުމަށެވެ.

އެކަމަކު މިފަދަ އުފާވެރި ދުވަސްތަކެއް ފާހަގަކުރަމުންދާއިރު އެކި ހާލަތްތައް ދިމާވެގެން އެނދުމަތިވެފައި ތިބޭ ނުވަތަ ގޭގައި ބިއްޖެހިފައި ތިބެން މަޖުބޫރުވެފައިވާ ބައެއް މީހުން އީދުގެ އުފަލުން އެކަހެރި ކުރެވޭ މަންޒަރު މަދުން ނަމަވެސް ފެނިގެންދެ އެވެ.

އެހެންވެ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް ވަނީ ވީވަރަކުން އީދުގެ އުފަލުގައި އެންމެންވެސް ބައިވެރިކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.

"މި އީދުގައި އުފާ ފާޅުކުރުމުގައި އަޅުގަނޑުމެންގެ ތެރޭގައި ދިރުއުޅެމުން އަންނަ މިސްކީނުންނާއި ފަގީރުންނާއި ހަވާސާ ވެފައިވާ ފަރާތްތައް ބައިވެރިކުރުމަށް އަޅުގަނޑު ނަސޭހަތްތެރިވަން،" އަވަސްގެ އީދު ތަހުނިޔާ މެސެޖުގައި ހުސައިން ވިދާޅުވި އެވެ.

އަޅުގަނޑުމެން ދިވެހިން ކޮންމެ މުނާސަބަތެއް ފާހަގަކުރި ނަމަވެސް ދިވެހިންނަކީ އިސްލާމުންނެވެ. އެހެންކަމުން އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ކުރަންވާނީ އިސްލާމީ ދީނުގެ ހުދޫދުގެ ތެރޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަވަސްގެ އީދު ތަހުނިޔާގެ މެސެޖުގައި އެންމެ ބޮޑަށް ބާރުއެޅުއްވެވީވެސް އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އަދި ރިވެތި އަހްލާގާ އެކު އީދުގެ އުފާ ފާހަގަކުރުމަށެވެ.

"އީދު ފާހަގަކުރަމުންދާއިރު އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުންކަން ހަނދާނުގައި ބަހައްޓައިގެން އިސްލާމީ ރިވެތި އުސޫލުތަކުގެ މަތިން ހުރިހާ ކަމެއް އިންތިޒާމު ކުރުމަކީ އަޅުގަނޑުމެންގެ މާދަމައަށްޓަކައި، އަންނަން އޮތް ޖީލަށް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ ވަރަށް ރިވެތި ނަމޫނާއަކަށް ވެގެންދާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ދިވެހިންނަކީ އިހު ޒަމާނުގައި ވަރަށް ބޮޑަށް ގުޅިގެން އުޅުނު ބައެކެވެ. ހާއްސަކޮށް އީދު ކަހަލަ މުނާސަބަތުތަކުގައި އަވަށްޓެރިކަމުގެ ގުޅުމާއި ރަށެއްގެ ނިސްބަތުން ޖަމާއަތެއްގެ ގުޅުން ވަރަށް ބޮޑަށް ދިވެހިންގެ ތެރެއިން މާޒީގައި ފެނިފައިވެ އެވެ.

އީދަށް ހާއްސަކޮށްގެން ދިވެހި އާދަކާދައިގެ ތެރެއިން ކުރެވޭ ބައެއް ކަންކަންވެސް އިހުގައި ވަރަށް ގިނަ އެވެ. އެގޮތުން ގޭތެރެ ސާފުކުރުމާއި، ގެއަށް ދޮންވެލިލުމާއި، އީދު ހަދިޔާ ބަދަލުކުރުމާއި، ޖަމާއަތެއް ސިފަވާ ގޮތަށް އެންމެން އެއްވެގެން ކައިބޮއެ ހެދުމަކީ އީދުގައި ދިވެހިންގެ އާދަކާދައިގެ ގޮތުގައި ފެނުނު ކަންކަމެވެ.

ދިވެހިންގެ އިހުގެ ޖީލުގެ މިފަދަ އާދަތަކުގެ ހަނދާންތައް އާކުރައްވަމުން ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވަނީ އަލުން ދިވެހިންގެ ސަގާފަތާއި އާދަ މިފަހަރުގެ އީދުގެ ތެރެއިން ދިރުވާ އާލާކުރުމަށް އެދިވަޑައިގެންފަ އެވެ.

"ހާއްސަކޮށް ދުރު ރަށްރަށުގައި، މާލޭގައި މަސައްކަތް ކުރަން ތިބޭ މީހުން އީދަށް އެއްޗެހި ގަނެގެން ރަށަށް އައުން، ހަމަ އެހެން ރަށުން އީދަށް އެއްޗެހި ގަތުމަށްޓަކައި ދުރަލާ އޮޑި ފަހަރު މާލެ ދިޔުން، ގޮސް އެއްޗެހި ގަނެގެން އައުން، އީދަށް ކެއްކުން، އީދަށް ރީތި ހެދުން ލުން، އީދަށް ހާއްސަ، އީދު ނަމާދަށް ދިޔުމަށް ހާއްސަ ތައްޔާރީތައްވުން. މި ހުންނާނީ އޭރުގެ އީދުގެ އާދަތައް،" އިހުގެ ހަނދާންތަކެއް އާކުރައްވަމުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ކޮންމެ ކަމެއް ކުރި ނަމަވެސް އެކަމެއްގެ ތެރެއަށް ސިޔާސީ ފިކުރުތަކާއި ވިސްނުންތައް ވަންނަމުންދެ އެވެ. މިކަމާ ގުޅިގެން އީދު ކަހަލަ އުފާވެރި މުނާސަބަތުތައް ފާހަގަކުރާއިރު ބައެއް ރަށްރަށުގައި ހަމަޖެހުން ގެއްލިފައިވެސް އެބަހުއްޓެވެ.

އަވަސްގެ އީދު ތަހުނިޔާގެ މެސެޖުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެންމެ ބޮޑަށް އެދިވަޑައިގެންނެވީ ސިޔާސީ މަސައްކަތްތަކާއި އިންތިހާބުތައް ނިމުމުން ސިޔާސީ ފިކުރުތައް އެއްފަރާތް ކުރުމަށެވެ. ހާއްސަކޮށް އީދު ކަހަލަ އުފާވެރި މުނާސަބަތުތައް ފާހަގަކުރާއިރު ސިޔާސީ ވާދަވެރިކަން މުޅިން ދޫކޮށްލުމަށް ފުއާދު ވަނީ އެދިވަޑައިގެންފަ އެވެ.

"[އީދު] މިއީ އަޅުގަނޑުމެންގެ އެއްބައިވަންތަކަން ނުވަތަ އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ފާޑެއްގެ ބައިބައިވުމެއް އުފެދޭ ކަމަކަށް ވެގެން ނުވާނެ. އަޅުގަނޑުމެންގެ އޮންނަ ވާދަވެރިކަމެއް [އިންތިހާބުތައް ނިމުމުން] އެހިސާބުން ނިންމާލަންވާނެ،" ފުއާދު ވިދާޅުވި އެވެ.

އީދުގެ އުފަލުގައި ބައިވެރިވުމަށް މާލެ އިން އަތޮޅުތަކަށް އެތައްހާސް ބަޔަކު ފުރާފައިވާއިރު އަތޮޅުތަކުން މަދުން ނަމަވެސް ބަޔަކު މިދުވަސްވަރު މާލެ ވެސް ވަނީ އައިސްފަ އެވެ. އީދަކީ އެތައް ބަޔަކު އެއް ތަނަކަށް އެއްވެސް ފޯރިއާއި މަޖާ ނަގާ ދުވަސްވަރެކެވެ. އެކަމަކު ވިސްނާލަންޖެހޭ މުހިއްމު ކަމަކީ މިއީ ހުޅަނގު މޫސުމުގެ ދުވަސްވަރަށް ވެފައި ވާރޭވެހުން އިތުރުވެ މަދިރީގެ ސަބަބުން ދިމާވާ ބަލިތައް އާންމުވަމުންދާ ކަމެވެ. އެހެންވެ ކޮންމެ މީހަކުވެސް އީދުގެ އުފަލުގައި އުޅޭއިރު އެމީހެއްގެ އާންމު ސިއްހަތަށް ރައްކާތެރިވުމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

"އަޟްހާ އީދުގެ ދުވަސްވަރަކީ އަބަދު ވެސް ޑެންގީ ހުން، ޗިކުންގުންޔާ ފަދަ ބަލިތައް ގިނަ ދުވަސްވަރެއް. އަދި ގެނބުން ފަދަ ހިތާމަވެރި ހާދިސާތައްވެސް ބައެއް ފަހަރު ހިނގާ. މިކަންކަމާ މެދު މިދުވަސްވަރު ވަކިން ބޮޑަށް ސަމާލުވާންޖެހޭ،" ޑރ. ފައިސަލް ވިދާޅުވި އެވެ.

އަވަސްގެ އީދު ތަހުނިޔާގެ މެސެޖުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ އިލްތިމާސް އަކީ ވެސް އީދު ފާހަގަކުރާއިރު އެންމެން ބައިވެރިކުރުމެވެ. އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކުޅިވަރުތައް ކުރިއަށް ގެންދިއުމެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމެވެ.