މިނިސްޓްރީ އޮފް ހެލްތު

ބޭސް ފިހާރަތައް ބިދޭސީންގެ އަތްދަށުގައި

ރާއްޖޭގެ ކޮންމެ ރަށެއްގައި ސަރުކާރުގެ ބޭސް ފިހާރައެއް އެބަހުއްޓެވެ. ވެރިރަށް މާލޭގައިވެސް ސަރުކާރުގެ ބޭސް ފިހާރަ ހުރުމުގެ އިތުރުން އަމިއްލަ މީހުން ހިންގާ ބޭސް ފިހާރަތައް ވަރަށް ގިނަ އެވެ. ބޭސް ފިހާރަަތަކަކީ ވެސް ވަރަށް ގިނަ އަދަދެއްގެ ދިވެހިންނަށް ވަޒީފާގެ އެތައް ފުރުސަތެއް ފަހިކުރެވޭނެ ތަންތަނެވެ. ނަމަވެސް ރާއްޖޭގެ ވަރަށް ގިނަ ބޭސް ފިހާރަތަކުގައި ވަކިން ހާއްސަކޮށް މާލޭގެ ބޭސް ފިހާރަތަކުގައި ފާމަސިސްޓުންގެ ގޮތުގައި އަދި އެމީހުންނަށް އެހީވުމަށް މަސައްކަތް ކުރާތީ ގިނައިން ފެންނަނީ ބިދޭސީންނެވެ.

ވަޒީފާ ބޭނުންވާ ދިވެހިން ތިބިއިރު ފާމަސިސްޓުންގެ ވަޒީފާ އަކީ އަދި މިމަސައްކަތަކީ ޒުވާނުންގެ ޝައުގު އުފައްދަން މަސައްކަތް ކުރަންޖެހޭ ދާއިރާއެއް ކަމަށް ފެނެ އެވެ. ރާއްޖޭގެ ސިއްހީ ދާއިރާގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރާއިރު ސިއްހީ ދާއިރާގެ ތަފާތު އެކި މަސައްކަތްތަކަށް މީހުން ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ފާމަސިސްޓުން ތަމްރީން ކުރަންޖެހެ އެވެ.

ބޭސް ފިހާރަތަކަށް ދާއިރު އެ ތަންތަނުގައި ދިވެހިން ތިބުމުގެ މުހިއްމުކަން އިހްސާސް ކުރެވެ އެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމަށް ކުރިން ސަރުކާރުން ފެށި މަސައްކަތުގައި އެތަންތަނަށް ބޭނުންވާ ފާމަސިސްޓުން އުފެއްދުމަށްވެސް އޭރު މަސައްކަތްތަކެއް ކުރި އެވެ. އަލުން ހަމަ އެ މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ބުނެދެނީ މާލޭގެ ބޭސް ފިހާރަތަކުގެ ކައުންޓަރަށް ނަޒަރު ހިންގާލުމުންނެވެ.

ސިއްހީ ދާއިރާއަށް ދިވެހިން ބޭނުންވާ ކަމަށް ސަރުކާރަށްވެސް އެއްބަސްވެވޭއިރު ފާމަސިސްޓުންގެ ގޮތުގައި އިތުރު ބަޔަކު އުފެއްދުން އަވަސްކުރަންޖެހެ އެވެ. ބޭސް ފިހާރަތަކުގައި ބޭސް ދޫކުރަން ތިބޭ މީހުންނަކީ ބިދޭސީންނަށްވެ، މިދާއިރާ ބިދޭސީންގެ އަތްދަށަށް ދިއުން ހުއްޓުވަންޖެހެ އެވެ. ފާމަސީ ތަކުން ދޫކުރާ ބޭހަކީ އާންމު ސިއްހަތާ ގުޅިފައިވާ އެއްޗަކަށްވާތީ ދިވެހިންގެ އާންމު ސިއްހަތުގެ ރައްކާތެރިކަމަށްޓަކައިވެސް ފާމަސީ ތަކުގައި ދިވެހިން ތިބެންޖެހެ އެވެ.