އުރީދޫ

އުރީދޫ ފަން ރަންއަށް ބޮޑު ތަރުހީބެއް

އު ރީދޫ މޯލްޑިވްސް އިން ލ. އަތޮޅުގައި މިއަދު ބޭއްވި ފަން ރަން އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މި ދުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ޕީއެސްޖީގެ ލެޖެންޑް ޖޭޖޭ އޮކޯޗާވެސް ބައިވެރިވި އެވެ.

މީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމުންނާއި ކުޑަކުދިންވެސް މި ދުވުމުގައި ބައިވެރިވި އެވެ.

އުރީދޫ މޯލްޑިވްސް އިން ބޭއްވި ފަން ރަން އަކީ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ.

އުމުރުން ހަ އަހަރުން މަތީގެ މީހުންނަށް ހުޅުވާލައިގެން ބޭއްވި މި ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ މީހުން ހިމެނޭހެން 2،000 ދުވުންތެރިން ބައިވެރިވި އެވެ.

މި ދުވުމުގައި ކޮންމެ ކިލޯމީޓަރެއް ނިމުމުން ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އުރީދޫގެ ފަން ރަން އަކީ ކޮންމެ އަހަރަކުވެސް އެ ކުންފުނިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. ދުވުމުގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި 5،000 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފަ އެވެ.