ނުއަގުގައި ފެނަކަ ކޯޕަރޭޝަނުން ދޯންޏެއް ކުއްޔަށް ނެގި ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.
ފެނަކައިން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ އެކި ތާރީހުތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކެއްގެ ލިޔެކިޔުންތަކުން ބައެއް ނަކަލު ކޮށްގެން އެއީ އެއް ކަމަކަށް ކޮށްފައިވާ އެއް މުއާމަލާތެއް ކަމަށް ދައްކަން މައްސަކަތް ކުރުމަށް ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށެވެ.
ފެނަކަ އިން ބުނީ ފާއިތުވެދިޔަ ހަތް މަސް ތެރޭގައި ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓްގެ މުއާމަލާތްތައް ހަރުދަނާކޮށްފައި ކަމަށެވެ. އެ ދޮގު ވާހަކަތަކަކީ ކުންފުންޏަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ކުންފުނިން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުބާރު އަލުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށް ފެނަކަ އިން ބުނެ އެވެ.
ފެނަކައިން ވަނީ މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ އެ ކުންފުނީގެ ސާފުވަމުންދާ ނަން ކިލަނބުކޮށް، މިނިވަން ނޫސްވެރިކަމުގެ ދަށުގައި ތިބެ، މުޖުތަމައު ފަސާދަ ކުރުމަށް ރޭވިގެން ހިންގާ ސިލްސިލާ ތަކުގެ ތެރެއިން ބޮޅެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
މީގެ އިތުރުން ފެނަކަ އިން ބުނީ ފާއިތުވި ދުވަސްތަކުގައި ވަކި ދަތުރުތަކަށް ދޯނި ފަހަރު ނަގާ، އެވަރެޖް ގޮތެއްގައި ހަތް މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ދަތުރުފަތުރަށް ހަމަޖައްސައި، އެކަމުގެ ނާޖާއިޒު ފައިދާ ނަގާފައި އޮތްއޮތުން ވެސް މިހާރު ނިމުމަކަށް ގެނެސްފައިވާނެ ކަމަށެވެ.
"ގިނަ ދަތުރުތަކެއް ކުރަން ޖެހުނަސް ހަރަދު ބޮޑެވެގެން ނުދާނެކަން ކަށަވަރު ކުރެވެނިވި ގޮތަކަށް، ކުންފުނީގެ ތާރީހުގައި އެންމެ ކުޑަ އަގުގައި، ކުންފުނީގައި ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކުންފުނީގެ އަދުގެ މެނޭޖްމަންޓުން އެކަން ހަރުދަނާކޮށް އިންތިޒާމު ކުރަމުންދާ ދިއުން، ކުރިން އެކަންކަމުން ނާޖާއިޒު ފައިދާ ހޯދި އަދި ހޯދައިދިން ފަރާތްތަކަށް ދަތި އިހުސާސްތަކަކަށް ވުމަކީ މިފަދަ ފިތުނަ ފަސާސަ އުފެއްދުމުގެ މައިގަނޑު އެއް ސަަބަބު ކަމުގައި މި ކުންފުނިން ދެކެން،" ފެނަކައިން ވަނީ ބުނެފައެވެ.
ފެނަކައަކީ މީގެ ކުރިން ވެސް ކޮރަޕްޝަންގެ ބައެއް އަމަލުތައް ހިންގުމުގެ ތުހުމަތު ރައްދުވެފައިވާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އޮތް އެއް ކުންފުންޏެވެ.