ކޮލަމް

ދިވެހި ގައުމީ ދިދައާ މެދު...

އެޑިޓަރުގެ ނޯޓް: އަބްދުﷲ ރަޝީދަކީ ތައުލީމީ، އިގްތިސާދީ، އިޖުތިމާއީ އަދި ސިޔާސީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ސްކޫލުތައް ހިންގުމުގެ ދާއިރާގައި 22 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވުމަށްފަހު އަބްދުﷲ ރަޝީދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ލޯކަލް ގަވަރުމެންޓްގެ ދާއިރާ ގައެވެ. އަބްދުﷲ ރަޝީދުގެ ލިޔުންތައް ބިނާކުރައްވާފައިވަނީ ގައުމީ ވިސްނުމަކުން އިޖުތިމާއީ މައްސަލަތަކަށް މީހުން ހޭލުންތިރިކުރުވާ، މުޖުތަމައުގެ އިޖުތިމާއީ ފޭރާން ހެޔޮކުރުމުގެ މައްޗަށެވެ.
--------------------------------------

އަޅުގަނޑުމެން، ދިވެހިންގެ ގައުމިއްޔަތުގެ ވާހަކަ ދައްކަމުންދާ މިފަދަ ދުވަސްވަރެއްގައި މިވާހަކަ ހަމަ ދައްކާލަން ބޭނުންވަނީ އެވެ. އެކި ކަންކަމަށް ނަޒަރު ހިންގާލާއިރު، ފެންނަމުންދާ މަންޒަރުތަކުންނާއި ކުރެވޭ ތަޖުރިބާތަކުގެ އަލީގައެވެ. ދިވެހި ގައުމީ ދިދައަކީ ދިވެހީންގެ ރަމްޒެވެ. އަމިއްލަ ގައުމުގައި ވިޔަސް، ބޭރު ގައުމެއްގައި ވިޔަސް ގައުމީ ދިދަ ފެނުމުން ދިވެއްސެއްގެ އިހުސާސް ކުރެވެ އެވެ. ދިވެއްސަކަށް ވީތީ އެވެ.

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި ދިވެހި ގައުމީ ދިދަ ނަގާފައި ހުންނަންޖެހޭނެ ގޮތް ޒަމާނުއްސުރެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން އާއްމުކޮށްފައި އޮވެ އެވެ. އެގޮތުން ގައުމީ ދިދައާ މެދު އަމަލުކުރަންޖެހޭ އެންމެ ފަހުގެ ގޮތްތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 16/2024ގެ ދެންނެވުމުގައި ވަރަށް ސަރީހަކޮށް ބަޔާންކުރެވިފައި އޮވެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ދިދަ ނެގުމާއި، ދިދަ ތިރިކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ނޭނގި ނަމަވެސް ގައުމީ ދިދައަށް އިހުމާލުވެވެނީ މަދެއްކޮށެއް ނޫނެވެ.

ދިދަ ހުންނަ ގޮތާއި، ނެގުމުގައި އަމަލުކުރެވޭ ގޮތާއި، ދިދަ ހުންނަ ގޮތާއި، މިއިން އެއްވެސް ކަމެއްގައި ދެންނެވުމުގައި ބަޔާންކޮށްފައިވާ ފެންވަރު ހިފެހެއްޓޭ ތަނެއް ނުފެނެ އެވެ. މިއީ ފަހަރެއްގައި ދިވެހި ގައުމީ ދިދަ ގެންގުޅުމުގައި ދޭސީންގެ ބަދަލުގައި ބިދޭސީން ހަރަކާތްތެރިވާތީ ދިމާވާ ކަމެއްކަމަށް ވެސް ވެދާނެ އެވެ.

ކޮންމެއަކަސް، ގައުމީ ދިދަ ނަގަނީ ތަނުގެ މިނިވަންކަން ރަމްޒުކޮށްދިނުމަށް، ގަވާއިދަކުން ލާޒިމުކޮށްގެން، އެތަނެއްގެ ހައިބަތު ދައްކުވައިދިނުމަށް ނުވަތަ ގައުމީ ލޯބީގެ ސަބަބުން ނުވަތަ އެހެންވެސް ގައުމީ ބޭނުމެއް ގައެވެ. ކޮންމެ ސަބަބަކާ ލައިގެން ނަމަވެސް ދިދަ ނަގާނަމަ، ގައުމީ ދިދައަށް ދޭންވާ ގަދަރާއި އިހްތިރާމު ދޭންވާނެ އެވެ. މިނިވަންކަމާއެކު ދިދަ ވިހުރުވޭނެ ޖާގަ ދޭންވާނެ އެވެ. ނަމަވެސް ބައެއް އިދާރާތަކުގައި ނަގާފައި ހުންނަ ދިދައަށް އޭގެ ޒާތުގައިވެސް މިނިވަން ކަމެއް ނޯވެ އެވެ. ނުވަތަ ކޮންމެވެސް އިޝްތިހާރު ބޯޑަކާއި ހެދި ދިދައިގެ މިނިވަން ކަމަށް ހުރަސްއަޅަ އެވެ.

މީގެ އިތުރުން ބައެއް މުއައްސަސާތަކުގެ ދިދަ ނަގާ ދެ ދަނޑި މާކައިރީގައި ހުރުމުގެ ސަބަބުން އެއް ދިދަ އަނެއް ދިދައާ އޮޅިގެން ގޮސް އެތައް ދުވަހެއްވާއިރުވެސް ރަނގަޅުކޮށްނުލާ ހުންނަނީ މަދެއް ކޮށެއް ނޫނެވެ.

ދިވެހި ދަޢުލަތުގެ ދިދަ ހުންނަންވާ މިންތަކާއި ކުލަތައް ވެސް، ކަނޑައަޅާ ބަޔާންކުރެވިފައިވެ އެވެ. ދިދަ ފަރުމާކޮށްފައިވަނީ ގައުމީ ކުލަތަކުން މައުނައެއް ލިއްބައިދޭ ގޮތަށެވެ. ކުލައިގެ ކޮންމެ 'ޝޭޑެއް' ބޭނުންކުރާ ގޮތަކަށް ނޫނެވެ. ނަމަވެސް ދިދަތައް ބައުވެ، ރަތްކުލަ ފިޔާތޮށި ކުލައަށް ބަދަލުވެގެން ދިޔަޔަސް، ގެނދަބުޅި އަރައިގެން ދިދަ އެއްކޮށް ކަޅުވާއިރުވެސް ހަމަ ނުފެންނަނީ ބާވައޭ ހިތަށް އަރަ އެވެ.

ބައެއް ރުއްރުކުގެ ކޮޅަށް ކުރީޒަމާނުގައި ނަގާ ވަހުތާން ބައުވެ، ވީދި ނުވަތަ ކާޅުކައިގެން ފަނާވެދާ ބީދައަށް ދިވެހި ގައުމީ ދިދަ ދޫކޮށްލެވިދާނެތޯ އެވެ.

ދެން އޮތީ ދިދަ ނަގާފައި ހުންނަ ގޮތުގެ ވާހަކަ އެވެ. ދިދަ ނެގުމާ ބެހޭ ގޮތުން އާއްމުކޮށްފައިވާ ދެންނެވުމުގައި ދެ ދަނޑިއަށް ދިދަ ނަގަން ވާގޮތް ބަޔާންކޮށްފައި އޮންނަނީ "ދިވެހި ގައުމީ ދިދައާއި އެހެން ދިދައެއް އެކުގައި ހުންނަ ގޮތަށް ދެ ދެދިދައެއް ނަގާ ނަމަ، ނުވަތަ ބަހައްޓާ ނަމަ، ދިވެހި ގައުމީ ދިދަ ހުންނަންވާނީ، އެ ދިދައެއްގެ ކަނާތްފަރާތުގައެވެ. ދިދައިގެ ކަނާތްފަރާތް ކަމުގައި ބަލާނީ، އެ ދިދަ ކުރިމަތިކޮށްފައިވާ ފަރާތަށް ކުރިމަތިލައިގެން ހުންނަ މީހާގެ ކަނާތްފަރާތަށެވެ." މާނައަކީ ދިދަ ނަގާފައި ހުންނަ އިމާރާތަށް ބަލަހައްޓައިގެން ހުންނަ މީހާގެ ވާތްފަރާތުގައި ގައުމީ ދިދަ ހުރުމެވެ.

ނަމަވެސް ފެންނަ މަންޒަރަކީ، އެއް އިދާރާއެއްގެ ދެ އޮފީހުގައިވެސް ދިދަ ނަގާފައި ހުންނަނީ ދެ ގޮތަށް ކަމެވެ. އަދި ތިން ދިދަ ނަގާފައި ހުންނަ ވަގުތުތަކުގައި އެކަން ކޮށްފައި ހުންނަނީ މާ އޮޅުންބޮޅުން ބޮޑު ގޮތަކަށެވެ. ގައުމީ ދިދަ ނެގުމާ ގުޅޭ އިރުޝާދުގައި ތިން ދިދަ ނަގާނެ ގޮތް ވަކި ގޮތަކަށް ބަޔާންކޮށްފައި ނެތް ނަމަވެސް، ބަލަންޖެހޭނީ ދެ ދަނޑިއަށް ދިދަ ނެގުމުގައި އަމަލުކުރަމުންދާ ތަރުތީބަށެވެ. ނަމަވެސް ހިތާމައަކީ ހިތަށްއެރި ދަނޑިއަކަށް ހިތަށްއެރި ދިދައެއް ނަގާތީ އެވެ. އެންމެ ހައިރާންވާ ކަމަކީ، ދައުލަތުގެ ބޮޑެތި މުއާއްސަސާތަކާއި، ކުންފުނިތަކުގެ ދޮރުމަތިން ވެސް މިމަންޒަރު ފެންނާތީ އެވެ. ޖެހިގެން ހުންނަ ދެ އޮފީހުގައި ވެސް އެއްގޮތްކަމެއް ނެތުމުންނެވެ.

ނޮވެންބަރު 17، 2023ގެ ފަހުން ގައުމީ ދިދަ ރޭގަނޑަށް ތިރި ނުކުރާކަން ނަސީބުތާ އެވެ. އެހެން ނޫން ނަމަ، ގައުމީ ދިދަ ނަގާނީ ދުވާލަކު ދަނޑިއަކަށްވުން ވެސް ގާތެވެ. އަދި ހަމަ އެހެންމެ އަވަށްޓެރި ސްރީލަންކާއާއި އިންޑިއާގެ ދިދަހެން 'އެސިމެޓްރިކަލް' ކޮށް ދިވެހިރާއްޖޭގެ ދިދަ ހުންނަ ނަމަ، ބައެއް ދުވަސް ދުވަހު ދިދަ އެކޮޅުކޮޅުން ހުރުމަކީ ވެސް ނުވާނެ ކަމެކޭ ބުނަން ދައްޗެވެ.

ދެން އޮތީ ގައުމީ ފެންވަރެއްގައި ހިތާމަފާޅުކުރުމުގެ ގޮތުން ބައިދަނޑިއަށް ދިދަ ތިރިކުރުމުގެ ވާހަކަ އެވެ. މިފަދަ ދުވަސްތަކުގައި ފެންނަ މަންޒަރުތަކުން "ބައިދަނޑީ"ގެ މާނަ ވެސް ނޭނގޭ ކަހަލަ އެވެ. އެކި މުއައްސަސާތަކުން އަމަލުކުރަނީ އެކި ގޮތަށެވެ. ކުރިން އިޝާރަތް ކުރި ދެންނެވުމުގައި އޮންނަނީ ގައުމީ ފެންވަރެއްގައި ހިތާމަފާޅުކުރުމުގެ ނިޝާނެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެވިދާނެ ކަމަށެވެ. ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާ ކަމުގައި ބަލަނީ، ދިދަ ދަނޑީގެ ކުރިން ފެށިގެން، ދިދައިގެ ފުޅާމިނަށް ތިރިކޮށްފައި ބަހައްޓާ ބެހެއްޓުމަށެވެ. އާއްމުކޮށް ދިދަނަގާފައި ހުންނައިރު ދިދައިގެ ތިރީ ކައިރިއާ ހަމައަށް ދިދައިގެ މަތީ ކައިރި ހުންނަ ވަރަށް ތިރިކުރުމެވެ.

ނަމަވެސް އެއްބައި އޮފީސްތަކުގައި ދިދަ ނަގާ ދަނޑީގެ މެދަށް، ނޫނީ ދަނޑީގެ ތިންބައިކުޅަ އެއްބަޔަށް، ކަށްޗަށް ހުންނަ ދަނޑިތަކުގައި ކައިވަތަކަށް ތިރިކޮށްފައި ހުންނަތަން ވެސް ފެންނަނީ މަދެއް ކޮށެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2024 ވަނަ އަހަރު ގައުމީ ދިދައާއި ގުޅޭ އެންމެ ފަހުން ނެރުނު ދެންނެވުމުގައިވާ ގޮތުން ހިތާމަފާޅުކުރުމުގެ ގޮތުން ދިވެހި ގައުމީ ދިދަ، ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމުގައި ދުވަސް ނިންމާނީ، ރޭގަނޑު 12:00 އަށް ބުނެފައިވެ އެވެ. މިއީ ދިވެހި ދައުލަތުގެ ނިންމެވުމެކެވެ. މިކަމާ ގުޅިގެން ދެންނެވުން ނެރެނީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އެކަމަކު ފެންނަ މަންޒަރުތަކަށް ބަލާއިރު މުއައްސަސާތަކުން އަމަލުކުރަނީ އެބަޔަކަށް ވީއިރަކުން އެބަޔަކަށް ފެނުނު ވަގުތަކުއެވެ.

އެންމެފަހުން އީރާނުގެ ރައީސް ޑރ. ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި، މޭ 21، 2024 ވީ އަންގާރަ ދުވަހުން ފެށިގެން މޭ 23، 2024 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް -- ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސެވި އެވެ. ތިން ދުވަސް ހަމަވީ 23 މޭ ވީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 12:00 އަށެވެ. ނަމަވެސް ޖެހިގެން އައި ހުކުރު ދުވަހާއި، ހޮނިހިރު ދުވަހުގައިވެސް ބައެއް މުވައްސަސާތަކުގެ ދިދަ ހުރީ ބައިދަނޑީ ގައެވެ. މިއާ ގުޅިގެން ފާހަގަކުރެވުނު އަނެއް ކަމަކީ، ޖެހިޖެހިގެން ހުންނަ ދެ މުއައްސަސާގެ ތެރެއިން އެއް މުއައްސަސާގެ ދިދަ ފުރިހަމައަށް ނަގާފައި ހުރި އިރު އަނެއް މުއައްސަސާގެ ދިދަ ހުރީ ބައި ދަނޑީ ގައެވެ. ހަމަ އެހެންމެ، ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި، ދެން ހުރި ދިދަ ފުރިހަމައަށް ނަގާފައިވެސް ހުރެ އެވެ. މިހެން މި ދިމާވަނީ މުއައްސަސާތަކުގެ ދިދަ ނެގުމުގައި އާއްމުކޮށް ހަރަކާތްތެރިވަނީ އެތަންތަނުގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުން ކަމަށްވެފައި، އެމީހުންގެ ތެރޭގައިވެސް މިކަމަށް އިރުޝާދު ދޭނެ ދިވެހިން ނެތުމުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން ފާހަގަކުރެވޭ އެހެން ކަންކަމަށް ބަލާއިރު، ދިދަ ބައުވެގެން ތަފާތު ކުލައަކުން ފޮތިއަޅާފައި ހުންނަ ދިދަ ނަގާފައި ހުރުމާއި، ގައުމީ ދިދަ ނެތި، ހަމައެކަނި އެ އޮފީހެއް ނުވަތަ ކުންފުނީގެ ދިދަ ނަގާފައި ހުރުމާއި، ގަވާއިދެއްގެ ދަށުން އިސްތިސްނާ އޮފީސްތައް ފިޔަވާ އެހެން އޮފީސްތަކުން ގައުމީ ދިދައާ އެކު، އެ އޮފީހެއް ނުވަތަ ކުންފުނީގެ ދިދަ 24 ގަޑިއިރު ނަގާފައި ހުރުމާއި، ބޭރުގައުމުތަކުގެ އޮފީސްތައް ފިޔަވާ، އާއްމު ތަންތަނާއި އުޅަނދުތަކުގައި ދިވެހި ގައުމީ ދިދަ ނެތި، ބޭރު ގައުމުތަކުގެ ދިދަ ނަގާފައި ހުރުންވެސް ފާހަގަކުރެވެ އެވެ. ގައުމީ ޖޯޝުގައި ގައުމީ ދިދަ ހިފައިގެން ބައިވެރިވާ ހިނގާލުންތައް ނިންމާލާފައި ދަމުން ގަސްތަކުގެ ބުޑަށް ނުވަތަ ސައިކަލުތަކުގެ ވަށިގަނޑަށް ދިވެހި ގައުމީ ރަމްޒު އެއްލާލާފައި ދަނީ ވެސް މަދެއްކޮށެއް ނޫނެވެ.

މިކަންކަމަށް ގައުމީ ނަޒަރަކުން ފުންކޮށް ވިސްނާލާއިރު ފެންކަޅިވެ އެވެ. ގައުމިއްޔަތާއި، ގައުމީ ލޯބީގެ ވާހަކަދެކެވޭއިރު، ގައުމީ ރަމްޒަށް ޖެހިފައިވާ މިދަތުރަށް ވިސްނާނުލެވެނީ ބާވަ އެވެ؟ ސަރުކާރުގެ އިދާރާތަކުގެ ދިދަނަގާ މުވައްޒަފުންނަށް މި ކަމާގުޅޭ ތަމްރީނު ނުދެވެނީ ބާވަ އެވެ؟ އޮފީހަށް ވަދެ ނިކުމެ ހަދާ އެކި ފަންތީގެ މުވައްޒަފުންގެ ލޮލުގައި މި ދިވެހި ގައުމީ ދިދަ ހަމަ އަޅައިނުގެންނަނީ ބާވަ އެވެ؟ ސްކޫލުތަކާއި، ކޮލެޖް، ޔުނިވަސިޓީތަކުން ދަސްވެނިވާ ޒުވާން ޖީލަށްވެސް މިވާހަކަތައް ބުނެ ނުދެވެނީ ބާވަ އެވެ؟ މި ސުވާލުތަކުގެ ޖަވާބު ތިބޭފުޅުންނަށް ދޫކޮށްލާނަމެވެ.