ރައްޔިތުންގެ މަޖިލިސް

ކުންފުނީގެ ގާނޫނަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް

ކުންފުނިތަކުގެ ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ދޭ މުއްދަތު ކުރުކުރަން ކުންފުނީގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ހުށަހެޅުއްވި އިސްލާހު ބަލައިގަނެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގަ އެވެ.

މި ބިލް މަޖިލީހަށް ބަލައިގަތީ ވޯޓު ދެއްވި 77 މެންބަރުންގެ އިއްތިފާގުންނެވެ. ބިލް ބަލައިގަތުމަށް ފާސްވުމުން ބިލް ދިރާސާކުރަން ފޮނުވާފައިވަނީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށެވެ.

ކުންފުނީގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭންޖެހެ އެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ ތިން މަސް ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހެ އެވެ.

ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭންޖެހެ އެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހެ އެވެ.

ގާނޫނުގައި މިހާރު އޮތް ގޮތުން ޕްރައިވެޓް ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވަން ޖެހެ އެވެ.

ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ އެ މުއްދަތު ހަތް ދުވަހަށް ބަދަލުކުރުމަށް ހިމަނާފަ އެވެ.