ހަމާސްއާ ހިޒްބުﷲއާ ދެކޮޅަށް އިޒުރޭލުން ދެމުންދާ ހަމަލާތަކަށް ތާއީދުކުަރައްވައި، އެމެރިކާގެ ކުރީގެ ރައީސް އިޒުރޭލަށް ސާބަސް ދެއްވައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޓްރަމްޕް ވަނީ އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުކުރައްވައި، ސާބަސް ދަންނަވާފަ އެވެ. އަދި އެ ވަގުތަކު ކުރަން ޖެހިއްޖެ ކޮންމެ ކަމެއް ކުރަންވީ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާގެ އޮންލައިން ނޫސް، ވޮޝިންގްޓަން ޕޯސްޓުން ބުނާ ގޮތުން ޑޮނަލް ޓްރަމްޕް ވަރަށް ގިނައިން ނަތަންޔާހޫއަށް ފޯނުކުރައްވަ އެވެ. އަދި މި މަހު އެކަނިވެސް ދެ ފަހަރު ފޯނުކުރެއްވި ކަމަށް -- މިކަމާ ގުޅޭ މައުލޫމާތު ހުރި މީހުން ބުނެ އެވެ.
ލުބްނާންގައި ޕޭޖަރުތައް ގޮއްވާލުމަކީ އިޒުރޭލުން ކުރި ވަރަށް މޮޅުކަމެއް ކަަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ވޯކީޓޯކީ ގޮއްވާލުމުން -- މިބާވަތުގެ ކޮންމެ ކަމެއް އިޒުރޭލަށް ކުރެވިދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އިޒުރޭލުން ބޭނުން ކޮންމެ ކަމެއް ކުރުން ރަނގަޅު ކަމަށް ޓްރަަމްޕް ވިދާޅުވި ނަމަވެސް އަސްކަރީ ގޮތުން ބާރުގަދަ ހަމަލާތައް ދިނުން ރަނގަޅު ކަމަށް ވިދާޅުނުވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުންޏެވެ.
މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި ހަމާސްގެ ހަނގުރާމަވެރިން އިޒުރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަތުމާ ގުޅިގެން އިޒުރޭލުން ދޭންފެށި ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ.
އިޒުރޭލުގެ ހަމަލާތަކުގައި ޣައްޒާއިން 42،900 މީހުން ވަނީ މަރުވެފަ އެވެ. އިޒުރޭލުން މަރުވި ސިފައިންގެ އަދަދު 1،000 އަށް ވެސް ނާރާ ކަމަށް ހަބަރުަތައް ބުނެ އެވެ.
އިޒުރޭލުން ޣައްޒާއަށް ދެމުންދަނީ ފަނާކުރަނިވި ހަމަލާތަކެކެވެ. އަދި މިހާރު ލުބްނާނަށް ދެމުންދާ ހަމަލާތަކުގައި ވައިޓް ފޮސްފަރަސް ބޭނުންކުރާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
މި ހަމަލާތަކުގެ ތެރެއަށް އީރާން ވަދެގަނެ އިޒުރޭލާ ދެކޮޅަށް ސީދާ ހަމަލާތައް ފަށާފައިވާއިރު، މިއަށްވުރެ ފުޅާ ދާއިރާއަކަށް ހަނގުރާމަ ފެށިދާނެ ކަމަށް މަސްރަހު ދަންނަ މީހުން ބުނެ އެވެ.
އީރާންއާ އިޒުރޭލާ ދެމެދު މިހާރު ވެސް ވަނީ ކޮންމެ ގައުމަކުން ކޮންމެ ގައުމަކަށް އެއްބުރަށް ހަމަލާ ދީފަ އެވެ.
މެދުއިރުމަތީގައި އަދިވެސް ކުރިއަށްދާ ހަމަލާތައް މިސްރާބުޖަހާ ގޮތަކުން އީރާން އާއި އިޒްރޭލާ ދެމެދު ހަމަލާތައް ބަދަލުކުރުމަކީ އަދިވެސް ވެދާނެ ކަމެކެވެ.