އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ އަކީ ފަލަސްތީނާ ސުލްހަވާން ދުވަހަކު ވެސް ބޭނުންފުޅުވި ބޭފުޅެެއް ނޫން ކަމަށް އެމެރިކާގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑަކަށް ހިއެއް ނުވޭ ބީބީ ދުވަހަކު ވެސް ފަލަސްތީނާ ސުލްހަވާން ބޭނުންފުޅުވިހެނެއް" ނަތަންޔާހޫ އަށް ނިސްބަތްކުރެވޭ ވަނަމުން މުޚާތަބު ކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ. "އޭނާގެ ކަމަކީ ކުސްތެޅުން. އެނޫން ކަމެއް އަޅުގަނޑުމެން ގާތު އޭނާ ނުކުރައްވާ،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް މިހާރު އުޅުއްވަނީ ނަތަންޔާހޫ ކަމުނުގޮސްގެންނެވެ. އޭނާ ވިދާޅުވި ގޮތުން ނަތަންޔާހޫ އަކީ ދޮގުވެރިއެކެވެ. އަދި ޚިޔާނާތްތެރިއެކެވެ.
ޓްރަމްޕް ވިދާޅުވީ ވައިޓް ހައުސްއިން އޭނާ ނުކުމެ ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން ވެސް ނަތަންޔާހޫ ކަންބޮޑުވާ ކަމަކަށް ނުވި އެވެ. އަދި ވިދާޅުވީ އެމެރިކާގެ ރައީސް ކަމަށް ބައިޑަށް ހޮވިވަޑައިގަތުމުން މަރުހަބާ ދަންނަވައި މެސެޖް ކުރެއްވުމަކީ ވެސް ނަތަންޔާހޫ ގޮތެއް ނެތްކަމުން ކުރެއްވި ކަމެއް ކަމަށެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން ނަތަންޔާހޫ އަށް އޭނާގެ ވެރިކަމުގައި ވަރަށް ކަމޭހިއްތެވި އެވެ. ވައިޓް ހައުސް އަށް ދައުވަތު ދެއްވައި ފަލަސްތީން މީހުން ގަބޫލު ނޫން ކިތަންމެ ކަމެއް ކޮށްދެއްވި އެވެ. އެހެންނަމަވެސް އާޚިރުގައި ނަތަންޔާހޫގެ ފަރާތުން އޯގާތެރިކަން ލިބިވަޑައި ނުގެންނެވި ކަމަށް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ ނަތަންޔާހޫއާ ތިން ފަހަރެއްގެ މަތިން ބައްދަލު ކުރެއްވި ކަމަށެވެ. އެހެންނަމަވެސް އެއްވެސް ކަހަލަ ޑީލެއް ހައްދަވަން ނަތަންޔާހޫ ބޭނުންފުޅު ނުވި ކަމަށެވެ. އަދި ވިދާޅުވީ އެއްފަހަރަކު ނަތަންޔާހޫ ވަރަށް މޮޅު ވާހަކައެއް ދައްކަވަން އުޅުއްވަނިކޮށް، ޖުމުލައެއްގެ މެދުތެރެއިން ހުއްޓުވި ކަމަށެެވެ.
"ބީބީ،" ޓްރަމްޕް ވިދާޅުވި އެވެ. "ތިޔަ އުޅުއްވަނީ ޑީލެއް ހަދާކަށް ނޫން،" ޓްރަމްޕް ވިދާޅުވީ ނަތަންޔާހޫ އަށް ހުރަސް އަޅުއްވައި ހުއްޓުވުމުން ވަރަށް ކަންބޮޑުވެ ވަޑައިގެންނެވި ކަމަށާއި އެވަރުން ވެސް ޑީލެއް ހައްދަވަން ބޭނުންފުޅު ކަމަށް ވިދާޅު ނުވާ ކަމަށެވެ.