ރައްޔިތުންގެ މަޖިލިސް

އައިޓީބީގައި ރާއްޖޭގެ ބޮއިކޮޓް ކެމްޕޭން ހިންގީ ކެރަފާ ނަސީމް: މެންބަރުން

Mar 16, 2016
5
  • ކެމްޕޭންގައި ދެ ފާދިރީއަކު ބައިވެރިވި
  • އެފަދަ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު ނާޅާވާކަށް ނެތް
  • ރާއްޖޭގެ ނަން ކިލަބުވަނީ ސަރުކާރާ ހެދި ކަމަށް ވެސް ބުނި

ޖަރުމަނުގެ ބާލިން ފެއާގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލާފައިވާތީ އެކަން ކުށްވެރިކޮށް މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސްކޮށްފި އެވެ. އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އިގްތިސާދާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ، އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ދާދިފަހުން ޕީޕީއެމްއާ ގުޅިވަޑައިގަތް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން އެވެ.

މުބީން ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ، އައިޓީބީގެ ހޮސްޓް ކަންޓްރީގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުަމުން ދަނިކޮށް ހަމަގަސްތުގައި ރާއްޖޭގެ ޓޫރިޒަމް ފުޑާލުމުގެ ނިޔަތުގައި ރާއްޖެއާ ގުޅޭ ނުބައި ތަސައްވުރެ ފެތުރުމުގެ ގޮތުން ބަޔަކު މީހުން ނުރައްކާތެރި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މި ނޫން ވެސް އެހެން ޕްލެޓްފޯމްތަކުގަ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ރާއްޖޭގެ އިގްތިސާދު ހަލާކުކޮށްލުމަށް ސިޔާސީ ވަކި ފިކުރެއްގެ ބަޔަކު އިސްވެ އޮވެ، މަސައްކަތްތަކެއް ކުރަމުން ގޮސްފައިވާ ކަމަށް ވެސް ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.

އެ ގަރާރުގެ ބަހުސް މަރުހަލާގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމުގެ މަސައްކަތް ޒަމާނުއްސުރެ ކުރަމުން އަންނަނީ އެމްޑީޕީ އާއި ނަޝީދާ ގާތްގުޅުންތަކެއް ބާއްވާ ފަރާތްތަކުން ކަމަށެވެ. އަދި އެކަމުގައި ފްރެންޑް އޮފް މޯލްޑިވްސް ކިޔާ ޖަމާއަތެއް ހަދައިގެން އިނގިރޭސި ރައްޔިތެއް ކަމަށްވާ، ޑޭވިޑް ހާޑިންހަމް އާއި ކުރީގެ ފޮރިން މިނިސްޓަރު ކެރަފާ މުހައްމަދު ނަސީމް މަސައްކަތް ކުރައްވާ ކަމަށް ނިހާން ތުހުމަތު ކުރެއްވި އެވެ.

"ކޮންމެ ދުވަހަކު އަޅުގަނޑުމެން މި ވާހަކަ އެބަ ދައްކަން ޖެހޭ. މި މީހުން ފެށުނީއްސުރެ މި ކުރާ ކަމަކީ ރާއްޖޭގެ ޓޫރިޒަމް ފުޑާލުން. މިކަމަށް އަޅުގަނޑުމެން ފިޔަވަޅު އަޅާނެ،" ނިހާން ވިދާޅުވި އެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އައިޓީބީގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް މަސައްކަތް ކުރެއްވީ ކުރީގެ ފޮރިން މިނިސްޓަރު ކެރަފާ ނަސީމް އިސްވެ ހުންނަވައިގެން ކުރެއްވީ ބޭރުގެ ތިން ފާދިރީއެއް ބޭނުންކޮށްގެން ކަމަށެވެ. އަދި މިއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކިތަންމެ ވަރަކަަށް ރާއްޖޭގެ އަގު ވައްޓާލަން މަސައްކަތް ކުރިޔަސް އެކަމެއް ނުވާނެ އެވެ. އަދި އިސްލާމްދީން ނޫން ދީނެއް ގެންނަން ބަޔަކު އަޑީގައި ތިބެގެން ހިންގާ ޕްރޮޕެގެންޑާތަކަށް ކުރިއެރުމެއް ނުލިބޭނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލި، ޑިމޮކްރަސީ ފުޑެމުން ދާކަން މުޅި ދުނިޔެއަށް އިނގޭ އިރު އެމްޑީޕީ އިސްވެ އޮވެ ރާއްޖެ ބޮއިކޮޓް ކުރުމުގެ މަސައްކަތެއް ނުކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދަށާއި ޓޫރިޒަމަށް އަސަރު ކުރަނީ ސަރުކާރުގެ ހުތުމުހުތާރު ކަމުން ކަމަށް ވެސް އިމްތިޔާޒު ވިދާޅުވި އެވެ. އަދި އެމްޑީޕީ އިން ފިޔަވަޅު އަޅަން ގޮވާލަނީ ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް އަދުލު އިންސާފުން އެއްކިބާވާ ފަނޑިޔާރުންނަށާއި ހުތުމުހުތާރުވެރިކަން ދިރުވަން މަސައްކަތް ކުރާ ފަރާތްތަކާ މެދު ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

"މި މީހުންނަށް އަމާޒުކޮށް ފިޔަވަޅު އެޅުން، މިއީ މުޅި ދުނިޔެ ގަބޫލު ކުރާ އުސޫލެއް. މިޔަންމާއަށް ވެސް ފިޔަވަޅު އެޅި ނޫންތޯ ޒިމްބާބުވޭއާ ދެކޮޅަށް ވެސް ފިޔަވަޅު އެޅި ނޫންތޯ. މިކަންކަމަކީ މިތަނުގެ ޓޫރިޒަމާއި އިގްތިސާދު ވެއްޓެމުން ދާ ދަނޑިވަޅުން ސަލާމަތް ކުރުމަށް ކުރާ ކަމެއް،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ، ރާއްޖެ ބޮއިކޮޓް ކުރަން ގޮވާ މީހުންނާ މެދު ފިޔަވަޅު ނާޅައި ދެން ދޫނުކުރެވޭނެ ކަމަށެވެ. އަދި އެކަން ކުރަނީ އެމްޑީޕީ ސަރުކާރުގެ މިނިސްޓަރުންނާއި ނަޝީދުގެ ގާތްބޭފުޅުން ކަމަށްވާ އިރު އެފަދަ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ރިޔާޒު ގޮވާލެއްވި އެވެ. އެގޮތުން އެފަދަ ފަރާތްތަކާއި އެ މީހުންގެ އާއިލާތައް ރާއްޖޭގެ ރިސޯޓްތަކަށް ނޭރުވުން ފަދަ ކަންތައްތައް ކުރުމަށް ރިޔާޒު ގޮވާލެއްވި އެވެ.