ހަބަރު

ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި ނޫނީ ފަތުރުވެރިން ނުބޭތިއްބުމަށް އަންގައިފި

މިނިސްޓްރީ އޮފް ޓޫރިޒަމުގައި ރަޖިސްޓަރީކޮށް ހުއްދަ ލިބިފައިވާ ތަންތަނުގައި ނޫނީ ފަތުރުވެރިން ނުބޭއްތިއްބުމަށް އަންގައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ޓޫރިޒަމާބެހޭ ގާނޫނު ގެ 17 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި ފަތުރުވެރިން ބައިތިއްބަންވާނީ، އެތަނެއް މިނިސްޓްރީ އޮފް ޓޫރިޒަމުގައި ރަޖިސްޓަރީކޮށް، އެފަދަ ތަންތަން ހިންގުމަށް މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގަ ކަމަށެވެ. އަދި މި ގާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުން ރަޖިސްޓަރީކޮށް ހުއްދަ ލިބިފައިވާ ޓޫރިސްޓް ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސެއް ނުވަތަ ޓޫރިސްޓް ރިޒޯޓެއް ނުވަތަ ޓޫރިސްޓް އުޅަނދެއް ނޫންތަނެއްގައި އެއްވެސް ފަތުރުވެރިއަކު އަގަށް ބަހައްޓައިގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"ދިވެހިރާއްޖޭގައި ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ފަތުރުވެރިން ބޭތިއްބުމަށް ތައްޔާރުކުރެވޭ ތަންތަން ހުންނަންޖެހޭނީ މިމިނިސްޓްރީގައި ރަޖިސްޓަރީކޮށްފައި ކަމުގައި އާންމުކޮށް އަންގައި އިއުލާން ކުރީމެވެ." އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް އެތައް ފަހަރަކު މިނިސްޓްރީން ވަނީ މިކަން އަންގާ އިއުލާންކޮށްފަ އެވެ.