އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް -- 56.6 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބަޖެޓް ދިރާސާ ކުރި ކޮމިޓީން ބަޖެޓް ފާސްކުރީ ބަޖެޓްގެ ތަފްސީލް ދޭންޖެހޭ ގޮތަށް ޝަރުތުކޮށްފަ އެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައި ޕީއެންސީގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވަނީ ކޮމިޓީން ކަނޑައެޅި ރިކޮމެންޑޭޝަންތައް އުނިކުރަން ހުށަހަޅުއްވާފަ އެވެ. މި ހުށަހެޅުމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ތާއީދު ކުރެއްވުމުން މި އިސްލާހު ފާސްކުރީ 68 މެންބަރުންގެ ތާއީދާ އެކު އެވެ. މިއިސްލާހާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.
މިއިސްލާހަށްފަހު ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރީ 70 މެންބަރުންގެ ތާއީދާ އެކު އެވެ. ނަމަވެސް އެ ވަގުތު ޖަލްސާގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ 11 މެންބަރުން ވޯޓު ދެއްވީ ބަޖެޓް ފާސްކުރުމާ ދެކޮޅަށެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މިދިޔަ އޮކްޓޫބަރު 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް ހުށަހެޅި ބަޖެޓަށް ވުރެ 1.6 ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.
އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރަށް ހުށަހަޅަނީ 9.4 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެކެވެ.
އަންނަ އަހަރުގެ ބަޖެޓުން 49.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު ހަރަދުގެ ތެރެއިން 35.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. 13.3 ބިލިއަން ރުފިޔާއަކީ ކެޕިޓަލް ހަރަދެވެ. މީގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް 3.9 ބިލިއަން ރުފިޔާވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.
މީގެ އިތުރުން ސަރުކާރުން އެކި ފަރާތްތަކަށް ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާވެސް ވަނީ ބަޖެޓުގައި ހިމަނާފަ އެވެ. މީގެ ތެރޭގައި ފަސް އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.