މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންނާ އާއިލާތަކަށް ބިރުދައްކާނަމަ ފިޔަވަޅު އަޅާނަން: ޕޮލިސް

Mar 21, 2016

ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބިރުދައްކައި، އިންޒާރުދީ، ފުލުހުން ދިރިއުޅޭ ގޯތިގެދޮރަށް ގެއްލުންދޭ މައްސަލަތައް ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ބަޔާނެއް މެދުވެރިކޮށް ފުލުހުން މިއަދު ބުނީ މާލޭގައި ހިނގައި ދިޔަ ހަމަނުޖެހުމަށްފަހު ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި ދެކޮޅަށް ހިންގަމުންދާ އަމަލުތައް ކުށްވެރި ކުރާ ކަމަށާއި ފުލުހުންނަކީ ގާނޫނުއަސާސީގެ 244 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން މުޖުތަމައު އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި، ރާއްޖޭގައި ދިރިއުޅޭ މީހުން ޙިމާޔަތްކޮށްދ މުދަލާއި ގެދޮރު ރައްކާތެރި ކޮށްދިނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތް ކަމަށެވެ.

"... ފުލުހުންނާ މަތިކޮށްފައިވާ ޤާނޫނީ މަސައްކަތާއި ގައުމީ ވާޖިބު އަދާކުރުމުގައި ފުލުހުން ދެމިތިބޭއިރު އެކިއެކި ފަރާތްތަކުން ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް ބިރުދައްކައި އިންޒާރުދީ ފުލުހުންނާއި ފުލުހުންގެ ޢާއިލާތައް ދިރިއުޅޭ ތަންތަނަށް ގެއްލުންދިނުން ފަދަ ޢަމަލުތައް ކުރަމުންދާނަމަ އެފަދަ މައްސަލަތައް ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ފުލުހުންނަކީ ޤާނޫނީ މަސައްކަތުގައި ދެމިތިބެ އެ މަސައްކަތުގައި ޙަރަކާތްތެރިވާ ބަޔަކަށްވިޔަސް އެހެން ރައްޔިތުންނެކޭ އެއްފަދަ މީހުން ކަމަށާއި ހަމަ އެހެންމެ ފުލުހުންގެ ޢާއިލާ ތަކަކީވެސް އެހެން ރައްޔިތުންފަދައިން އެ ރައްޔިތުންނާއެކު އެއް މުޖުތަމައެއްގައި ދިރިއުޅުމުގެ ފުރުޞަތު އޮތް ބައެއް ކަމަށާއި މިހެންކަމުން ރައްޔިތުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށްވެސް ލިބިދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

މި ބަޔާން ނެރުނު އިރު ހަމަނުޖެހުންތަކަށްފަހު ބަޔަކު ވަނީ ބައެއް ފުލުހުންނާއި އާއިލާތަކަށް މަރުގެ އިންޒާރު ދީފައެވެ. އަދި އައްޑު އަތޮޅުގައި ފުލުހުން އުޅޭ ބައެއް ގޭގެއަށް ވަނީ ގެއްލުންދީފައެވެ.