މަޖިލިސް މެންބަރުންގެ ތެރެއިން ޖޭޕީއަށް ނިސްބަތްވާ ދެ މެންބަރަކު ޕީޕީއެމާ ގުޅޭނެ ކަމަށް ޕީޕީއެމުން ބުނެފައި ވަނިކޮށް މަޖިލީހުގެ ބައެއް މެންބަރުނާއި ބައެއް އިލްމީ ބޭފުޅުން ވަރަށް އަވަހަށް ޖޭޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖޭޕީގެ ޖަގަހަ، ކުނޫގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ އެ ޕާޓީއާ ގުޅި ވަޑައިގަންނަވަނީ މަޖިލިސް މެންބަރުންގެ ތެރެއިން ކޮންބޭފުޅުންނެއް ކަމެއް ގާސިމް ވިދާޅުވެއް ނުވެއެވެ. ނަމަވެސް ޕާޓީއާ ގުޅި ވަޑައިގަންނަވާ އިލްމީ ބޭފުޅުންގެ ގޮތުގައި ޕީއެޗްޑީ ބޭފުޅުންނާއި މެޑިކަލް ޑޮކްޓަރުން ހިމެނި ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ޕާޓީން ޕީޕީއެމްއާއެކު ހެދި ކޯލިޝަން ރޫޅައިލުމާ ހަމައިން އެ ޕާޓީއާ ގުޅެން ބޭނުންވާ ފަރާތްތައް އިތުރުވެފައިވާ ކަމަށެވެ.
ކުނޫޒްގައި މިއަދު ވަނީ ބޭފުޅުންކޮޅެއް ޖޭޕީއާ ގުޅި ވަޑައިގެންފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޒުބައިރު މުހައްމަދާއި ސިއްހީ ދާއިރާގެ ބޭފުޅަކާއި ބައެއް އެހެން ފަރާތްތައް ހިމެނެ އެވެ.
ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ޕީޕީއެމަށް ސޮއިކުރައްވާނެ މަޖިލިސް މެންބަރަކު މިހާރު ޖޭޕީގެ ނެތް ކަމަށެވެ. އެމްޑީޕީއާއެކު ކުރާ މަޝްވަރާތަކަށް އިޝާރާތް ކުރައްވާ އަމީން ވިދާޅުވީ ޖޭޕީން އެއްވެސް ބަޔަކާއި އެކީ ކޯލިޝަނެއް ނުހަދާ ކަމަށާއި ހަމަ އެކަނި ކުރާ ކަމަކީ ގާނޫނު އަސާސީ ހިމާޔަތް ކުރަން ފެށި މަސައްކަތެއް ކަމަށެވެ.
ގާސިމާއި ޖޭޕީން މިހެން ބުނި އިރު މިރޭ ޕީޕީއެމުން ބާއްވާ ޖަލްސާގައި ޖޭޕީއަށް ނިސްބަތްވާ މަޖިލީހުގެ ދެ މެމްބަރަކު އެ ޕާޓީއަށް ސޮއި ކުރައްވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި މީގެ ކުރިން ވެސް ވަނީ ޖޭޕީގެ ބައެއް މެންބަރުން ޕީޕީއެމަށް ސޮއިވެސް ކޮށްފައެވެ.