ހަބަރު

ބިދޭސީ މަދުކޮށް ގައުމު ބިނާ ކުރަން ދިވެހިން ތަމްރީން ކުރަންޖެހޭ: ޝަރީފް

ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖެ ބިނާ ކުރެވޭނީ ބިދޭސީން އެތެރެކުރުން މަދުކޮށް އިލްމީ ގާބިލްކަން ހުރި ދިވެހިން ތަމްރީން ކޮށްގެން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ގައުމީ ޔުނިވާސިޓީ އިން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ގައުމެއް ބިނާ ކުރުމަށްޓަކައި ބޭނުންވާނެ އެންމެ މުހިންމު ވަސީލަތްތަކަކީ އިލްމީ ގޮތުން ގާބިލް އަދި ހުނަރުވެރި މީހުން ކަމަށާއި އަދި އެފަދަ މީހުން ތަމްރީން ކުރުމުގައި ގައުމުގެ މިއަދުގެ ހާލަތަށް ވިސްނާގެން ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާ ތަކުން މީހުން ތަމްރީން ކުރަން ޖެހޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ އެއް ބަޔަކީ ބިދޭސީން ކަމަށް ވާއިރު އެމީހުން ރަނގަޅު ފެންވަރުގެ ތަމްރީން ހޯދައިގެން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ގައުމެއްގެ ސަގާފަތާއި ބޭނުންވާ މުހިންމު ސިފަތަށް އަށަގަނެވޭނީ ގައުމެއްގެ ބަޔަކު ހިދުމަތް ކޮށްގެން ކަމަށެވެ.

"ކުދިންގެ ކިބައިގައި ރިވެތި އާދަކާދައާއި ސިފަތައް އަދި މައުލޫމާތު އުގަންނައި ދިނުމުގައި ބޭރުގެ ބަޔަކަށް ބަރޯސާ ވާން ޖެހިއްޖެއާ އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި ދިވެހިވަންތަ ތައުލީމެއް ނުލިބޭނެ. އިލްމީ ގާބިލް ކަން ހުރި ބޭފުޅޫން ތަމްރީންކޮށްގެން ނޫނީ ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ބިނައެއް ނުކުރެވޭނެ އަދި ބޭރުން މީހުން ގެނައުމުގެ ބަދަލުގައި ގައުމަކަށް އެންމެ ފައިދާ ކުރާނީ އެތަނެއްގައި ތިބޭ ބަޔަކު މަސައްކަތް ކޮށޮގެން،" މިނިސްޓަރި ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި ޝަރީފް ވިދާޅުވީ މަތީ ތައުލީމް ފޯރުކޮށްދިނުމުގައި މުއައްސަސާ ތަކުން ތަފާތު ފިކުރުތަކެއް ގެންގުޅެން ޖެހޭ ކަމަށާއި ތައުލީމް ހާސިލްކޮށްގެން ނިކުންނަވާ މީހުންނަކީ ރާއްޖެއަށް ބޭނުންވާ ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި މަސައްކަތް ކުރާނެ ބަޔަކަށް ހަދަން ޖެހޭ ކަމަށެވެ.