ހަބަރު

ރާއްޖޭގެ ގިނަ ކަންކަން ހުރީ ހަމަ މަގުގައި: އޭޕީޕީޖީގެ ރިޕޯޓް

ބްރިޓިޝް މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕް (އޭޕީޕީޖީ) އިން ރާއްޖެއާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކޮށް ރާއްޖޭގެ ގިނަ ކަންކަން ހުރީ ހަމަ މަގުގައި ރަނގަޅަށް ކަމަށް ބުނެފި އެވެ. ބްރިޓިޝް މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕަކީ، ރާއްޖޭގެ ސިޔާސީ ކަންކަމާއި ތިމާވެއްޓާއި ތައުލީމާއި އިޖުތިމާއީ މައްސަލަތައް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ސަމާލުކަމަށް ގެނައުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ. ކޮމެޓީގައި ތިއްބަވަނީ ހަތަރު މެންބަރުންނެވެ. ރާއްޖެ އައިސްފައިވަނީ ތިން މެންބަރުންނެވެ.

ރާއްޖެއަށް ކުރި ހަފްތާއެއްހާ ދުވަހުގެ ޒިޔާރަތަށް ފަހު އެ ގުރޫޕުން ނެރުނު ރިޕޯޓްގައި ރާއްޖޭގެ ގިނަ ކަންތައްތަކަށް އަލިއަޅުވާލާފައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން ރާއްޖޭގައި ބޮޑެތި މައްސަލަތަކެއް ނެތެވެ.

ރިޕޯޓްގައިވާ ގޮތުން ތިން މެންބަރުންނަށް ވެސް ވަނީ ރިޕޯޓް އެކުލަވާލުމުގައި ބައްދަލުކުރަން ބޭނުންވާ ފަރާތްތަކާ ބައްދަލުކުރުމުގެ މިނިވަންކަމާއި އެ ފުރުސަތު ލިބިފަ އެވެ. ނަމަވެސް އެޗްއާރްސީއެމްއާއެކު ބައްދަލުވުން ބޭއްވިފައިނުވާ ކަމަށްވެ އެވެ. އެ ބައްދަލުވުން ކެންސަލްކޮށްލީ އެޗްއާރްސީއެމްއިން ކަމަށް ރިޕޯޓްގައިވެ އެވެ.

އޭޕީޕީޖީއިން އެކުލަވާލި ރިޕޯޓްގައިވާ ގޮތުން، ރާއްޖޭގެ ޑިމޮކްރަސީ އޮތީ ރަނގަޅަށެވެ. އެގޮތުން އިންތިހާބުވެފައިވާ ގާނޫނު ހަދާ މަޖިލީހަކާއި މިނިވަން ޝަރުއީ ނިޒާމެއް އަދި މިނިވަން ނޫސްވެރިކަމުގެ ފުރުސަތު ރާއްޖޭގައި އެބަ އޮތް ކަމަށް ރިޕޯޓްގައިވެ އެވެ.

"ރާއްޖޭގައި ޑިމޮކްރަސީ އޮތީ ޅަފަތުގައި، ބަދަލުވުމުގެ މަރުހަލާގައި ރާއްޖެ އޮތީ، އަހަރެމެންނަށް ފާހަގިވި ގޮތުގައި ދިވެހި ސަރުކާރާއި މިނިވަން މުއައްސަސާތަށް ވަރަށް އުއްމީދީ، ދެން ފާހަގަވީ އެއްވެސް މީހަކަށް ވާހަކަ ދެއްކުމުގެ ބިރުވެރި ކަމާއި ހިޔާލު ފާޅުކުރުމަށް ހުރަހެއް ނެތްކަން، އޭގައި މީޑިއާ ވެސް ޝާމިލް،" ރިޕޯޓްގައިވެ އެވެ.

ރާއްޖޭގެ ގާނޫނު ހަރުދަނާ ކުރުމަށް ބޭނުންވާ ކަންކަމުގައި އާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން މިހާރަށްވުރެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ ޝަރުއީ ނިޒާމް ތެރެއިން ކުރިއަށްދާ ޝަރީއަތާ ގުޅޭ ގޮތުން ވާހަކަ ނުދައްކައި އެކަމަށް އަތް ނުބޭނުމަށް ރިޕޯޓްގައި އިލްތިމާސްކޮށްފައިވެ އެވެ.

ރާއްޖޭގައި ހައްދުފަނައަޅާފައިވާ ވިސްނުން ކަންބޮޑުވާ މިންވަރަށް ނެތް ކަމަށާއި ރާއްޖޭގެ މިހާރު ސަރުކާރުން ތާއިދުކުރަނީ މޮޑަރޭޓް އިސްލާމިކް ޑިމޮކްރަސީއަކަށް ކަމަށް ވަނީ ބުނެފަ އެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހެން ގައުމުތަކާ ގުޅިގެން ރާއްޖެއިން މަސައްކަތް ކުރަމުން އަންނަކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް އިދިކޮޅު ޕާޓީތަކުން ގޮވާލުމަށްފަހު، ސަރުކާރުން އެކަމަށް އިޖާބަދީ އެކަމަށް ދައުވަތު ދިނުމުން އިންކާރު ކޮށްފައިވުމުން އޭޕީޕީޖީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭޕީޕީޖީއިން ބުނީ މަޝްވަރާތަކުގެ ކުރިން ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް އިދިކޮޅު ޕާޓީތަކުން ހުށަހެޅި ޝަރުތު ބަލައިނުގަނެވޭ ކަމަށެވެ.