ހަބަރު

ގަމުން ފޭބިތާ 40 އަހަރު ފާހަގަ ކުރަން އާރްއޭއެފްގެ ސިފައިން ރާއްޖެއަށް

ރޯޔަލް އެއާ ފޯސް (އާރްއޭއެފް) ސިފައިން ގަމުން ފޭބިތާ 40 އަހަރު ފުރުން ފާހަގަކުރުމަށް އައްޑޫގައި ރީޔޫނިއަން ރާއްޖެ އަތުވެއްޖެ އެވެ.

މީގެ 40 އަހަރު ކުރިން އާރްއޭއެފްގައި މަސައްކަތް ކުރި ސިފައިން މިއަދު ރާއްޖެ އައުމުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވަނީ ބޮޑުބެރުގެ ހަރަކާތްތަކާއި އެކު އެމީހުނަށް ހޫނު މަރުހަބާ އެއްކިޔާފަ އެވެ. އިންގިރޭސިވިލާތުން އައި 33 މީހުންގެ މިވަފުދު މިއަދު 2:40 ހާއިރު އައިއިރު އެމީހުން ވަނީ ވީއައިޕީ ލޮންޖުގައި މަޑު ކުރުމަށް ފަހު މިހާރު ވަނީ އައްޑޫއަށް ފުރާފަ އެވެ.

އެމްއެމްޕީއާރްސީ އިން ބުނީ އާރްއޭއެފްގެ ސިފައިން ރާއްޖެއައީ އެމީހުން ގަމުން ފޭބިތާ 40 އަހަރު ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ރީ ޔޫނިއަންއެއްގައި ބައިވެރިވުމަށް ކަމަށާއި އެ ރީޔޫނިއަން އިވެންޓު މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށެވެ.

އާރްއޭއެފްގައި މަސްއްކަތް ކުރި ސިފައިންގެ ތެރެއިން އެންމެ ގިނަ ދުވަހު ގަމުގައި މަޑު ކުރި އެލަން ޖޮންސަންސް ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވިދާޅުވީ އެތަށް އަހަރަކަށް ފަހު އަލުން ރާއްޖެ އައިސް އައްޑޫއަށް ދާން ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދި އައްޑޫއަށް ގޮސް އޭރު އެކޮޅުގައި އެކީ މަސައްކަތް ކުރި މީހުންނާއި ދިމާވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"އަޅުގަނޑު މީގެ 50 އަހަރު ކުރިން މިކޮޅުގައި މަސައްކަތް ކުރީ. މިތާތިބި އެންމެނަށް ވުރެް ގިނަ ދުވަހު މަޑުކޮށްލިން. އެއާފޯސް ދޫކޮށް ދާން ޖެހުން ވެގެންދިޔައީ ވަރަށް ހިތާމަވެރި ދުވަހަކަށް. ގިނަ ހަދިޔާތަކެއް ފޭދޫގެ ސްކޫލު ކުދިންނަށާއި އެހެނިހެން ފަރާތްތަކަށް އަޅުގަނޑުމެން ދޭނަން،" އެލަން ވިދާޅުވި އެވެ.

ދެހާސް ދިހަ ވަނަ އަހަރުވެސް ވަނީ އާއޭއެފްގެ ބައެއް ސިފައިން ގަމަށް ޒިޔާރަތް ކުރައްވާފަ އެވެ. އޭގެ ފަހުން އެމީހުން އަންނަނީ ގަވައިދުން ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ.