ހަބަރު

ޒުވާނުންނަށް ކިހާދޫގައި ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެއް ގާއިމް ކުރަނީ

ޒުވާނުން ހުނަރުވެރިކުރުވާ ވަޒީފާގެ ބާޒާރަށް ތަމްރީނުކުރުމަށް ބ. ކިހާދޫގައި ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެއް ގާއިމްކޮށް ހިންގުމަށްޓަކައި ކޯސްޓްލައިން ފައުންޑޭޝަނަށް އެ ރަށުން ބިމެއް ދޫކުރުމާ ބެހޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީ އާއި ކޯސްޓްލައިން ފައުންޑޭޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާއިލް އަލީ އެވެ. އަދި ކޯސްޓްލައިން ހާޑްވެއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ހުސައިން މުހައްމަދެވެ.

މިނިސްޓްރީން ބިން ދޫކޮށް، އެ ބިމުގައި ކޯސްޓްލައިން ފައުންޑޭޝަނުން ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރެއް ގާއިމްކޮށް ހިންގުމަށް ދޫކޮށްފައިވަނީ 20 އަހަރު ދުވަހަށެވެ.

މި އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ސެންޓަރުގެ މަސައްކަތް މިނި ކިޔަވައިދިނުމުގެ ހަރާތްތައް ފަށަންވާނެ އެވެ.

މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާއި މިނިސްޓްރީން ހަވާލުކުރީ ބ. ކިހާދޫން މިނިސްޓްރީއަށް ދޫކޮށްފައިވާ 223500 އަކަފޫޓުގެ ބިމެކެވެ.
މި ސެންޓަރު ގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަފާތު ދާއިރާތަކުން ހުނަރުވެރި ޒުވާނުން އުފެއްދުމުގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ އިރު، މައިގަނޑު ގޮތެއްގައި ހިންގުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ތަމްރީނުތަކެވެ.

އެ ކުންފުންޏަށް ކިހާދޫގައި ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެއް ގާއިމްކޮށް ހިންގުމަށް ބިމެއް ހަވާލުކުރީ ވަޒީފާގެ ބާޒާރުގައި ދިވެހި މަސައްކަތްތެރިންގެ ދައުރު ހަނިވެފައިވާތީ ތަފާތު ފަންނުތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކި، ވޮކޭޝަނަލް ޓްރެއިން ސެންޓަރެއް ގާއިމްކޮށް ހިންގުމުގެ ޝައުގުވެރިކަން އެ ކުންފުނިން ފާޅުކުރުމާއި ގުޅިގެންނެވެ.