ހަބަރު

ފަރެސްމާތޮޑާގައި އަމަން ނަގާލި ބަޔަކު ހައްޔަރުކޮށްފި

ގދ. ފަރެސް މާތޮޑާގައި އަމަން ނަގާލައި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭގޮތަށް އަޑުގަދަކޮށް ނުކިޔަމަންތެރިވި ބަޔަކު އެރަށުން ހައްޔަރު ކޮށްފި އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި، 23 އަހަރުގެ ފިރިހެނަކާއި، 26 އަހަރުގެ ފިރިހެނަކާއި، 28 އަހަރުގެ ފިރިހެނަކާއި، 29 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖެކެވެ. މި ހުރިހާ މީހުންނަކީވެސް ދިވެހިންނެވެ.

ފުލުހުން ބުނީ، ރޭ ދަންވަރު 01:00 ހާއިރު ރަށުގެ އެހެން ބަޔަކާ މާރާމާރީ ހިންގަން މި މީހުން މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށްގޮސް އެފަދަ ކަމެއް ނުކުރުމަށް ނަސޭހަތްދީ މާރާމާރީ ހިންގުން ހުއްޓުވާފަ ކަމަށެވެ.

އެކަމާއި ގުޅިގެން އެ މީހުން ވަނީ ރަށުތެރޭގައާއި ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނަށް ކައިރިއަށް އައިސް އަޑުގަދަކޮށް ޕޮލިސް ސްޓޭޝަނަށް ގައުފަދަ ތަކެތި އުކައި ހަދާފަ ކަމަށާއި އެ މީހުން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫގައި މަސައްކަތްކުރާ އޮޕަރޭޝަންސް ފުލުހުން ފަރެސް މާތޮޑާއަށް ގޮސް ފަރެސްމާތޮޑާގައި މަސައްކަތްކުރާ ފުލުހުންނާ އެކު މަސައްކަތް ކޮށްގެން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލާގައި ފުލުހުން ހައްޔަރުކުރި ފަސް މީހުންނާއި ކުއްޖާގެ ކުޑަކަމުދާތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެތި ބޭނުންކޮށްފައިވާކަން ވަނީ ޓެސްޓް ތަކުން އެނގިފަ އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 18 އަހަރުން ދަށުގެ ކުއްޖާ 14 ދުވަސް އަނެއް ފަސް މީހުންގެ ތެރެއިން ކޮންމެ މީހަކުވެސް 13 ދުވަސް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށްގެންދަން ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ބަންދުގެ މުއްދަތު ދީފައެވެ.

މީގެ އިތުރުން މި މައްސަލާގައި ތުހުމަތު ކުރެވޭ 26 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރުގެ ދަށުން ފަރެސް މާތޮޑާއިން މިއަދު ހަވީރުގެ ވަގުތެއްގައި ވަނީ ހައްޔަރު ކޮށްފަ އެވެ. މި މައްސަލަ ފަރެސްމާތޮޑާ ޕޮލިސް ސްޓެޝަނާއި ތިނަދޫ ޕޮލިސްސްޓޭޝަން ގުޅިގެން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.