މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގަތުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރައީސް މުއިއްޒު ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ކުރިން މާލޭގެ މޭޔަރު ކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގައި މޭޔަރުކަން ލިބިވަޑައިގެންފިނަމަ ރައްޔިތުންގެ ގާތަށް -- ގޭގެއެއް ޒިޔާރަތްކުރައްވައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ވައުދުވެވަޑައިގެންނެވި ކަމަށެވެ.
"އަޅުގަނޑު މޭޔަރު ކަމުގައި އޭރު އެކަން އެގޮތަށް ކުރިން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގައި ރައްޔިތުންގެ ހާލު ބެއްލެވުމަށް ރަށްރަށަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް ހަގީގަތަށް ހަދައި ވައުދު ފުއްދަވާނެ ކަމަށެވެ.
ރައީސް މިއަދު ވިދާޅުވި ގޮތުގައި ރަށްތަކަށް ކުރައްވާ ޒިޔާރާތުގައި ދެން އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގަންނަވާނީ މ. މުލި އަށެވެ. ކުރިއަށް އޮތް މެއި މަހު ރައީސް ކުރައްވާ އެ ދަތުރުފުޅުގައި މުލި އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވާނެ އެވެ.
"ރޯދައަށް މެދުކަނޑާލީ [ދަތުރުތައް]. މިހާރުވެސް ވަރަށް ގިނަ ރަށްތަކަށް ދެވިއްޖެ. ދެން މި މަސްތެރޭގައި ދަތުރު ފަށަން އުޅުނު ނަމަވެސް އެކި ސަބަބުތަކާ ހުރެ އަދި ދަތުރުތައް ނުފެށޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އޯގަސްޓް މަހުގެ ނިޔަލަށް ވަޑައިގަތުމަށްޓަކައި އެކަމާ ގުޅޭ ތާވަލެއްވެސް މިހާރު ވަނީ އެކުލަވާލައްވާފައި ކަމަށެވެ.