ޑޮނަލްޑް ޓްރަމްޕް

ރިޔާސީ ޓިކެޓް އެހެން މީހަކަށް ލިބުނަސް ތާއީދެއް ނުދޭނަން: ޓްރަމްޕް

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް އެހެން ބޭފުޅަކަށް ލިބިވަޑައިގެންނެވި ނަމަވެސް އެ ބޭފުޅަކަށް ތާއީދު ނުކުރައްވާނެ ކަމަށް ޕްރައިމަރީގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް، ވިދާޅުވެއްޖެއެވެ.

ސީއެންއެންއިން ޓްރަމްޕްގެ އަރިހުގައި، އެހެން ކެންޑިޑޭޓަކަށް ތާއީދުކުރައްވާނަންތޯ ސުވާލު ކުރުމުން ވިދާޅުވެފައިވަނީ ދެން ނުކުރައްވާނެ ކަމަށާއި ކޮންމެ މީހަކު ހޮވުނަސް، ތާއީދު ދެވެން ނެތް ކަމަށެވެ. މީގެ އިތުރުން ވާދަވެރި ރޭހުގައި ދެން ވާނެ ގޮތް ބަލަން ހުންނާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕްގެ އިނޓަވިއުގައި ވިދާޅުވީ ރިޕަބްލިކަން ޕާޓީއިން ޓްރަމްޕްއާއި ދޭތެރޭ ކަންތައް ކުރަމުން ދަނީ އިންސާފުވެރިކޮށް ނޫން ކަމަށާއި އެކަމަކު ޕާޓީގެ އެހެން ކެންޑިޑޭޓުންނާމެދު އެއްވެސް ޒާތީ ހަސަދައެއް ނެތް ކަމަށެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބެން ބޭނުންފުޅު ނުވާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް އޭނާ ހޯއްދަވާނެ ކަމަށާއި އޭނާއާ ވާދަކުރައްވާ ޓެޑް ކްރޫޒްގެ ފަރާތުން އެންޑޯޒްމެންޓެއް ބޭނުން ނުވާ ކަމަށވެ.

ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގެ ވާދަވެރިކަން ބޮޑު ވަމުން އަންނަ ވަރަކަށް ޓެޑް ކްރުޒްއާއި ޑޮނަލްޑް ޓްރަމްޕް ދަނީ ދެބަސްވަމުންނެވެ. އެންމެ ފާހަގަ ކުރެވޭ ކަމަކަށް ދެ ކެންޑިޑޭޓުންގެ ފަރާތުން އެންމެ ފަހުން ފެނިފައިވަނީ، ދެ ކެންޑޭޑިޓުންގެ އަނބިންނަށް އަމާޒުކޮށް ހަމަލާތައް ބަދަލު ކުރިތަނެވެ.