މަސްތުވާތަކެތި

މަސްތުވާތަކެތި އެތެރެކުރި 5 މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައި ފަސް މީހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ދިވެހި ހަތަރު ފިރިހެނުންނާއި ބަނގްލަދޭޝްގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ދިރުވާލައިގެން ރާއްޖެއަށް ބަޔަކު މަސްތުވާތަކެތި އެތެރެކޮށްފައިވާކަމުގެ މައުލޫމާތު މިދިޔަ މަހުގެ 30 ވަނަ ދުވަހު ފުލުހުންނަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަންގައި، މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ފިހާރައެއްގައި ހުއްޓަ ކަމަށާއި އެމީހާ ބަލައި ފާސްކުރި އިރު، އޭނާ ލައިގެންހުރި ސޯޓުގެ ޖީބުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ދެ ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލާގައި ހިމެނޭކަމަށް ތުހުމަތު ކުރެވޭ އިތުރު މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މައްޗަންގޯޅީގައި ހުންނަ ގަރާޖެއް ކައިރިންނެވެ. އަދި ހައްޔަރު ކުރި މީހުން ދިރިއުޅޭ، މއ. ސާދީވިލާގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 28 ބުލެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އަދި މިހާރު މިމީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފައި ކަމަށް ފުލުހުން ބުނެ އެވެ.