ހަބަރު

ކުދި މައްސަލަތަކުގައި ޕްރޮސެކިއުޓް ކުރުމުގެ ބާރު ފުލުހުންނަށް ދެނީ

ކުދި ކުއްތަކަށް އަވަހަށް ފިޔަވަޅު އެޅުމަށް، ޕްރޮސެކިއުޓް ކުރުމުގެ ބާރު ފުލުހުންނަށް ދިނުމުގެ މަސައްކަތް އަންނަ އަހަރު ކުރާނެ ކަމާށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 83 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، މީގެ 40 ހަކަށް އަހަރު ކުރިން ކުދި ކުށެއްކޮށްފި ނަމަ ފުލުހުން ހިދުމަތް 48 ގަޑިއިރުގެ ތެރޭގައި ނިންމައި އެމީހަކަށް ހުކުމް ކުރާ ކަމަށާއި މިހާރު ފުލުހުން އަވަހަށް ހިދުމަތް ދިން ނަމަވެސް ކުށެއް ކުރާ މީހާ، ހުކުމާކާއި ހަމަޔަށް ގެންނައުމަށް ގިނަ އަހަރުަކެއް ނަގައިގެންދާ ކަމަށެވެ.

އެގޮތުން ކުށް ކުރާމީހާ އަށް ހުކުމް އައުން ލަސްވުމުގެ ސަބަބުން އެކުށް ކުރާ މީހާއަށް އަދަބު ލިބޭނެ ކަމުގެ ބިރުގައި އެތަށް އަހަރެއް ހުންނަން ޖެހޭ ކަމަށާއި އެނޫނީ އެމީހަކު އަނެއްކާވެސް ކުށަށް އަރައި ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"އެހެންވީމަ ކުރިޔަށް އޮތް އަހަރު ކުދި ކުއްތަކަށް ޕްރޮސެކިއުޓް ކުރުމަށް ޓަކައި ޕީޖީއާ އޭޖީއާއެކު މަޝްވަރާކުރެވިގެން ހަމަޖެއްސޭ އިންތިޒާމެއްގެ ދަށުން ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ކުދި ކުއްތައް ސީދާ ފުލުހުންނަށް ޕްރޮސެކިއުޓް ކުރުމުގެ ބާރު ލިބޭތޯ އަޅުގަނޑުމެން މިމަސައްކަތް ކުރަނީ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މި ނިޒާމް ގާއިމް ކުރުމުގެ ސަބަބުން ގާނޫނީ ކުރިން އަހަރުތަކެއް ނަގައިގެން އަމުރު އަންނަ މައްސަލަތަކަށް 24 ގަޑިއިރު ތެރޭގައި އަދުލް އިންސާފު ގާއިމް ވެގެން ދާނެ ކަމަށެވެ. އަދި ވިދާޅުވީ މި ނިޒާމަކީ މިހާރު އިންގިރޭސި ވިލާތުގައި ވެސް ބޭނުން ކުރަމުން އަންނަ ނިޒާމެއް ކަމަށާއި އޭގެ ސަބަބުން ބޮޑެތި ފައިދާތަކެއް ރައްޔިތުންނަށް ލިބިގެން ދާނެ ކަމަށެވެ.