ހަބަރު

800 މިލިއަން ޑޮލަރުގެ އެއާޕޯޓް މަޝްރޫއު އިފްތިތާހުކޮށްފި

Apr 6, 2016
4
  • މަޝްރޫއު ނިންމާނީ 2018 ގައި
  • މަޝްރޫއު ހިންގަނީ، ބީޔޫސީޖީ ގްރޫޕުން
  • އާ ޓާމިނަލެއް ހަދައި އާ ރަންވޭއެއް އަޅާނެ

އެއާޕޯޓްގައި އާ ރަންވޭއެއް ހަދައި ޒަމާނީ ޓާމިނަލެއް އެޅުމަށް ކުރިއަށް ގެންދާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ރައީސް އަބްދުﷲ ޔާމީން މިރޭ އިފްތިތާހު ކޮށްދެއްވައިފި އެވެ.

ދަރުބާރު ގޭގައި މިރޭ ބޭއްވި ކުލަގަދަ ހަފްލާއެއްގައި ރައީސް އިފްތިތާހު ކުރެއްވި 800 މިލިއަން ޑޮލަރުގެ އަގު ހުރި، އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ، ޗައިނާގެ ބީޔޫސީޖީ އިންނެވެ. މިރޭގެ ހަފްލާގައި އެއާޕޯޓްގެ އެމްޑީ މުހައްމަދު އާދިލް ވިދާޅުވީ މިރޭ މި އިފްތިތާހު ކުރި މަޝްރޫއާ އެކު އެއާޕޯޓް ތަރައްގީ ކުރާނީ އެންމެ ބޮޑެތި އެއާކްރަފްޓް، އޭ-380 މަރުކާގެ ބޯޓުތައް ޖެއްސޭ ފެންވަރަށް ކަމަށެވެ.

އެގޮތުން އާދިލް ވިދާޅުވީ، ބިން ހިއްކައިގެން އަލަށް ހަދާ ރަންވޭ އަކީ ދިގުމިނުގައި 3،400 މީޓަރު ހުންނަ، 65 މީޓަރު ފުޅާ ރަންވޭއެއް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ބޭނުން ކުރާ ރަންވޭ ދެން ބޭނުން ކުރާނީ ޓެކްސީ ވޭއެއްގެ ގޮތުގައި ކަމަށެވެ. އާދިލް ވިދާޅުވީ އެއާޕޯޓްގެ މަޝްރޫއުގެ އަގު އެހާ ބޮޑު ވަނީ، ޒަމާނީ ފެންވަރުގެ ޓާމިނަލަކާއި، ދެ ގުނަ އިތުރަށް ތެޔޮ ރައްކާ ކުރެވޭނެ ފިއުލް ފާމަކާއި ބޯޓުތަކަށް ތެޔޮ އަޅާނެ ޒަމާނީ ޕަމްޕް ސްޓޭޝަނެއް އަދި މުޅިން އާ ގާކޯ ޓާމިނަލެއް ވެސް ގާއިމް ކުރާތީ ކަމަށެވެ. މީގެ އިތުރަށް އެއާޕޯޓްގައި ބޭނުން ކުރާ ނެވިގޭޝަންތައް އެންމެ ޒަމާނީ ފެންވަރަށް ވެސް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ.

"މިއީ އެއާޕޯޓްގެ އަމިއްލަ އަޅުގަނޑުމެން ނުހިންގާ ވަރުގެ މަޝްރޫއެއް މިއީ. މި މަޝްރޫއަށް އެއާޕޯޓުން ވާން ޖެހޭ ތައްޔާރީތައް ވަނީ ވެފައި. މި ޕްރޮޖެކްޓްގެ އަގު އެހާ ބޮޑުވަނީ ހަމަ އެކަނި ރަންވޭއެއް އަޅާލާތީއެއް ނޫން. މި އެއާޕޯޓް އެތައް ގުނައެއް ބޮޑުވެގެން އަންނާނެތީ،" އާދިލް ވިދާޅުވި އެވެ.

މި މަޝްރޫއު ނިމޭނެ ކަމަށް ލަފާ ކުރެވެނީ 2018 ވަނަ އަހަރަށެވެ. މަޝްރޫއުގެ ހިތްގައިމު ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް މިރޭ ދައްކާލި އެވެ.