ހަބަރު

ޒާހިރު ގެންދަވަނީ "ހަވީރު"އާ ގުޅޭ ގޮތުން ދޮގު ހައްދަވަމުން: އެހެން ހިއްސާދާރުން

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް ކަމަށްވާ "ހަވީރު"އާ ގުޅޭ ގޮތުން އެ ނޫހުގެ ޗެއާޕާސަން މުހައްމަދު ޒާހިރު ހުސެއިން ދޮގު ވާހަކަތަކެއް ފަތުރަމުންގެންދަވާ ކަމަށް އެ ނޫހުގެ ހިއްސާދާރުން ތުހުމަތު ކުރެ އެވެ. ޒާހިރުގެ އިތުރުން "ހަވީރު"ގެ ހިއްސާދާރުންނަކީ އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމް ކަމަށް ހައިކޯޓުން ވަނީ ހުކުމެއް ކޮށްފަ އެވެ.

"ހަވީރާ" ގުޅޭ ގޮތުން ދޮގު ވާހަކަތަކެއް ފެތުރެމުންދާތީ އެކަންކަން އޮޅުން ފިލުވައިދެއްވުމަށް ކަމަށް ބުނެ އެ ތިން ބޭފުޅުން މިއަދު ނެރުއްވާފައިވާ ބަޔާނުގައި "ހަވީރު" އުފެދިގެން އައި ގޮތާއި ވެފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުން ވަރަށް ތަފްސީލު މައުލޫމާތަކެއް ދީފައިވެ އެވެ. އޭގެ އިތުރަށް ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރާ ގުޅޭ ގޮތުން ވެސް ތަފްސީލީ މައުލޫމާތުތަކެއް ހިއްސާކޮށްފައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ، "save Haveeru"ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހަދައި، އެ ޕޭޖުން ހަވީރާ ބެހޭ ގޮތުން ދޮގު މައުލޫމާތުތަކެއް އާންމުންނާ ހަމައަށް ގެނެސްދެމުންދާ ކަމަށެވެ. އެގޮތުން ހަވީރު ނޫސް އެޖެންސީއާ "ހަވީރު" ނޫޙާއި އެ ނޫހުގެ ޗާޕްހާނާއާ ވިޔަފާރިތަކާ އެއްވެސް ގުޅުމެއް ނެތް ކަމާއި ހަވީރު ނޫސް އެޖެންސީ ރަޖިސްޓަރީ ކުރި ކަމުގެ ހެއްކެއް ނެތް ކަމަށް ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ވެސް އެބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

"ހަވީރު"ގެ މިލްކުވެރިކަމާ ބެހޭގޮތުން ސިވިލް ކޯޓުންނާއި ހައިކޯޓުން ކުރި ހުކުމުން ވެސް ހަވީރު ނޫސް އެޖެންސީ އުފެއްދުމަށް ފައުންޑަރުން އެއްބަސްވި އެއްބަސްވުމާ ހިލާފަށް "ހަވީރު"ގެ ވިޔަފާރިތައް ހިންގަވާ ފަރާތުން ވާހަކަ ދައްކަވާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ހަވީރު ނޫސް އެޖެންސީއަކީ ވުޖޫދުގައި ނުވާ ތަނެއް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދީ، ބަޔާނުގައި ބުނެފައިވަނީ ހަވީރު ނޫސް އެޖެންސީގެ ރަޖިސްޓަރީ އޮތީ ދުވަހު ނޫސް "ހަވީރު"ގެ އިދާރާގަ ކަމަށާއި ޒާހިރުގެ ނުފޫޒުން އިބްރާހިމް ރަޝީދާއި ފާރޫގު "ހަވީރު"އިން ބޭރުކުރި ދަނޑިވަޅުގައި އެ ބޭފުޅުންނަށް އެ ރަޖިސްޓަރީ ނުވަތަ އޭގެ ކޮޕީއެއް ހޯއްދަވާކަށް ފުރުސަތު ލިބިވަޑައެއްނުގެންނެވި ކަމަށެވެ. ނަމަވެސް ނަފީ ނުކުރެވޭނެ އެތައް ހެކިތަކަކުން އެ އެޖެންސީ އުފެދުނު ކަމާއި 1983 ވަނަ އަހަރު މާޗް މަހުގެ 31 ވަނަ ދުވަހުން ފެށިގެން "ހަވީރު" ނޫހާއި ހަވީރު ޗާޕްހާނާ ހިންގީ އެ އެޖެންސީންކަން އެނގެން އެބަ އޮތް ކަމަށެވެ.

ބަޔާނުގައިވާ ގޮތުން، ހަވީރު ނޫސް އެޖެންސީއާއި ދުވަހު ނޫސް "ހަވީރު"އާ އެ ނޫހުގެ އޮންލައިން އެޑިޝަންފަދަ ވިޔަފާރިތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވާވުމަކީ ވެސް ހަގީގަތެއް ނޫނެވެ. ހަވީރު ނޫސް އެޖެންސީ އުފެއްދުމަށް ފައުންޑަރުން އެއްބަސްވި އެއްބަސްވުމުގެ ތިންވަނަ މާއްދާއިން ސާފުކޮށް އެނގޭ ގޮތުގައި، ދުވަހު ނޫސް "ހަވީރު" އާއި، ހަވީރުގެ ޗާޕްހާނާއަކީ ހަވީރު ނޫސް އެޖެންސީގެ ވިޔަފާރިތަކެއް ކަމަށާއި، 1983 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 11 ވަނަ ދުވަހުގައި ހަވީރު ނޫސް އެޖެންސީ އުފެދުމާއެކު އެ ތާރީހުން ފެށިގެން ދުވަހު ނޫސް "ހަވީރު" އާއި ހަވީރު ޗާޕްހާނާގެ މިލްކުވެރި ފަރާތަކީ ހަވީރު ނޫސް އެޖެންސީ ކަމަށް ބަޔާނުގައިވެ އެވެ.

"މުހައްމަދު ޒާހިރު ހުސެއިންގެ ފަރާތްޕުޅުން ވާހަކަ ދައްކަވައި ވަކާލާތު ކުރައްވާ އާއިލީ ބޭފުޅުންނާއި ގާތް އެކުވެރީންނާއި ގާނޫނީ ބޭފުޅުން މިހާރު ވިދާޅުވާ ވިދާޅުވުމަކީ ނުހަނު ހިތާމަކުރަންޖެހޭ ކަމެއް ކަމަށާއި އެފަދަ ދޮގުވެރި ވާހަކަތައް "ހަވީރު"އާ ބެހޭގޮތުން ފެތުރުމަކީ ދިވެހި ރައްޔިތުންނަށާއި ހުދު "ހަވީރު"ގެ މުވައްޒަފުންނާއި ވިޔަފާރި ޕާޓްނަރުންނާއި ކިޔުންތެރީންނަށް ހަގީގަތް އޮޅުވާލުން،" ބަޔާނުގައިވެ އެވެ.

އެހެން ނަމަވެސް، ޒާހިރުގެ ހުސެއިންގެ ފަރާތްޕުޅުން ކޯޓުގެ އެކި މަރުހަލާތަކުގައި ބުނެފައި ވަނީ ހަވީރު ނިއުސް އެޖެންސީއާ ހަވީރާ ގުޅުމެއް ނެތް ކަމަށެވެ. އަދި ހަވީރު ތަރައްގީ ކުރުމަށް ނެގި ލޯނުތައް ވެސް ނެންގެވީ ޒާހިރު ހުސެއިންގެ ނަމުގައި ކަމަށެވެ. އަދި ޒިންމާވެ ވަޑައިގަތީ ވެސް އެބޭފުޅާ ކަމަށެވެ. އަދި ދައުވާ ކުރައްވާ ތިން ބޭފުޅުން ވެސް ހަވީރު ހިންގެވުމުގަ އާއި ތަރައްގީ ކުރެއްވުމުގައި ދައުރެއް ނެތް ކަމަށާއި އެއީ ހަވީރު އުފެދުނު އިރުވެސް އަދި އެބޭފުޅުން ވަކިވެގެން ދަންދެން ވެސް އެތަނުގެ މުވައްޒަފުން ކަމަށް ބުނެފައިވެ އެވެ.