ހަބަރު

އޯއައިސީ އިސްވެރިންގެ ބައްދަލުވުމަށް އިސްލާމިކް މިނިސްޓަރު ތުރުކީއަށް

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިސްވެރިންގެ ބައްދަލުވުމަކަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ތުރުކީއަށް ފުރާވަޑައިގެންފި އެވެ.

ރައީސް އަބުދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު ޒިޔާދު ތުރުކީއަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މިމަހު 14 އިން 15 އަށް ބާއްވާ މި ބައްދަލުވުމުގައި ރާއްޖެއިން ބަޔާނެއް އިއްވާނެ އެވެ. މުހިންމު ނިންމުންތަކެއް ނިންމާ އޯއައިސީގެ ބައްދަލުވުމުގައި މިއަހަރު ކުރިއަށް ގެންދަނީ އޭގެ 13 ވަނަ ބައްދަލުވުމެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދާއި މިނިސްޓަރުގެ އެޑްވައިޒަރު މުހައްމަދު ރަޝީދު އިބްރާހިމް ބައިވެރިވެވަޑައިގެންނަވަ އެވެ.

މި ބައްދަލުވުމުގައި އެ ސަމިޓުގައި 30 ގައުމަކާއި ސަރުކާރެއްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިއީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންގެ އިސްނެންގުމަކަށް ބާއްވާ ބައްދަލުވުމެކެވެ.