ހަވީރު ނޫހުގެ މަސްއޫލުވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިނަށް އެހެން ނޫހެއް ނުއުފެއްދޭ ގޮތަށް ނެރެދިނުމަށް އެދުނު އަމުރާ މެދު ގޮތެއް ނިންމުމަށްޓަކައި އެކަމަށް ޖާވާބުދާރީވުމުގެ ފުރުސަތެއް ހަވީރު މީޑިއާ ގުރޫޕަށްދީފި އެވެ.
އަމުރަށް އެދުނީ ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން ކަމަށްވާ ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދު މޫސާ އާއި މުހައްމަދު ނައީމެވެ. މި ތިން ބޭފުޅުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މިއަދު ވަނީ އަމުރު ތަފްސީލުކޮށް ހުށަހަޅާފަ އެވެ.
ތިން ބޭފުޅުންގެ ގާނޫނީ ވަކީލް ވިދާޅުވީ، އެ އަމުރުގައި އެ ދެނީ ހައިކޯޓުގެ ހުކުމް ނަގަހައްޓާ، ހަވީރުގެ ވިޔަފާރީތަކުގައި ފާރޫގާއި އިބްރާހިމް ރަޝީދު އަދި ނައީމަށް ބައިވެރިވެވެންދެން ހަވީރުގެ މަސްއޫލުވެރިޔާ މުހައްމަދު ޒާހިރު ހުސެއިން އަދި ހަވީރުގެ މުވައްޒަފެއް ނޫނީ އެ ނޫސް ތަމްސީލުކުރާ އެއްވެސް މީހަކަށް މީޑިއާގެ ދާއިރާގައި އިތުރު ވިޔަފާރިއެއް ފެށުމުގެ ހުއްދަ ނުދިނުމަށް ކަމަށެވެ. އަދި ހަވީރުގެ މުވައްޒަފުންނާ ބައްދަލު ކުރެވި، ހަވީރު އަލުން ފަށާ އާންމު ހާލަތަކަށް ރޫޖުއަވަންދެން ހަވީރު ތަމްސީލުކުރާ އެއްވެސް ފަރާތަކަށް އާ ނޫހެއް ފެށުމުގެ ހުއްދަ ނުދިނުމަށެވެ.
މި އަމުރާ މެދު ގޮތެއް ނިންމުމުގެ ކުރިން އެއަށް ޖަވާބުދާރީވުމަށް މައްސަލައަށް ތަދުއްހުލުވެފައިވާ ހަވީރު މީޑިއާ ގުރޫޕަށް ވަނީ ދީފަ އެވެ. ޖަވާބުދާރީވުމަށް އެންގީ އަންނަ ހޯމަ ދުވަހުގެ ކުރިންނެވެ.
އެންމެ ފަހުން ހަވީރު މައްސަލާގައި ބޭއްވި އަޑުއެހުމުގައި އިތުރު އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް ގާޒީ އެންގެވީ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އަމުރަށް އެދެންޖެހޭ އުސޫލުގެ ދަށުން ހުށަހެޅުމަށެވެ. ޒާހިރު ހުސެއިންގެ ފަރާތުން ވެސް އެ ދުވަހު އަމުރަކަށް އެދުނެވެ. ނަމަވެސް ގާޒީ ވަނީ އެ އަމުރު ވެސް އުސޫލުގެ ދަށުން ހުށަހެޅުމަށް އަންގަވާފަ އެވެ.
ސިވިލް ކޯޓަށް ފާރޫގާއި އިބްރާހިމް ރަޝީދު މޫސާ ހުށަހެޅުއްވި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ވަނީ އެ ދެ ބޭފުޅުންގެ ބައިވެރިވުން ނެތް ގޮތަށް ހަވީރު ނޫސް ނުހިންގުމަށް އަންގާފަ އެވެ. އެ އެންގުމާ ގުޅިގެން ހަވީރު ނޫހާއި އޮންލައިން ވަނީ ހުއްޓާލާފަ އެވެ.
ހައިކޯޓުން ހަވީރު ނިއުސް އެޖެންސީގެ މިލްކިއްޔާތާ ގުޅޭގޮތުން ކޮށްފައިވާ ހުކުމުގައި އެ އެޖެންސީގެ ހަތަރު ހިއްސާދާރުން ތިއްބަވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އެންމެފަހުން ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޒާހިރުގެ ވަކީލް ވަނީ އެ އެޖެންސީގައި ޒާހިރު އެއްވެސް ހިއްސާއެއް ނެތް ކަމަށް ބުނެ ރަޖިސްޓްރީއެއް ހުށަހަޅާފަ އެވެ.