ރައީސް އަބްދުﷲ ޔާމީން

ދީނީ ފަތުވާދޭ މަޖިލިސް އުފައްދާ ބިލް ތަސްދީގުކޮށްފި

Apr 25, 2016

ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އުފައްދާ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދ ތަސްދީގު ކުރައްވައިފި އެވެ. ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު ފާސް ކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެ ބިލް ރައީސް ޔާމީން މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފަ އެވެ.

މި ބިލަކީ ދީނީ އެއްބައިވަންތަކަން ދިވެހިންގެ މެދުގައި ޤާއިމްކުރުމުގެ ގޮތުން، ދީނީ ގޮތުން ދިމާވާ ގޮންޖެހުންތަކާއި ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް، ގައުމީފެންވަރުގައި ޙައްލުކުރުމަށާއި އަދި އިސްލާމީ ފިގުހީ އާ މައްސަލަތައް ދިރާސާކޮށް އެކަންކަމާގުޅޭ ދީނީ ލަފާ އެކަށީގެންވާ ހަލުވިކަމާއި ހަރުދަނާކަމާއެކު ފޯރުކޮށްދިނުމަށްޓަކައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ނަމުގައި މަޖިލީހެއް އުފައްދައި، އެ މަޖިލީހުގެ ޤާނޫނީ ދައުރު ބަޔާންކޮށްދިނުމެވެ.

އެ މަޖިލިސް އެކުލަވައިލާނީ އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ހޮވާ މެމްބަރަކާއި އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަން ކުރާ ފަނޑިޔާރަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ދެ މެމްބަރަކާއި ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރެކެވެ.

ބިލުގައި ބުނެފައިވާ ގޮތުން ދިވެހިންގެ މެދުގައި އުފެދޭ ދީނީ ހިޔާލުތަފާތުވުންތައް ނައްތާލައި މުޖުތަމައުގެ މަސްލަހަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ހިޔާލު ހޯދައި މަޝްވަރާ ކުރުމަށް ދީނީ އިލްމުވެރިންގެ މަހާސިންތާތައް ބާއްވަންވާނެ ކަމަށެވެ. ދީނީ ފަތުވާދޭ މަޖިލީހުގެ ލަފައަށް އެދުމުގައި އަމަލު ކުރަންވީ ގޮތާއި ޝާއިއުކުރާ ފަތުވާތަކުގައި ފުރިހަމަވާން ޖެހޭ ސިފަތަކާއި ޝަރުތުތައް ބަޔާންކޮށް، މަޖިލީހުގެ އިދާރީ ކަންކަން ހިންގައި ރާވާނެ ގޮތް ބަޔާން ކުރާ ގަވާއިދުތައް ހަދަން ޖެހޭނީ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށް ބިލުގައި ބުނެފައިވެ އެވެ.