އެމްޑީޕީ

ފިންގާޕްރިންޓާއެކު އެމްޑީޕީއިން 300 މެންބަޝިޕް ފޯމު ހުށަހަޅައިފި

ފިންގާ ޕްރިންޓާއެކު 300 މެންބަރުންގެ މެންބާޝިޕް ފޯމު އެމްޑީޕީން މިއަދު އިލެކްޝަން ކޮމިޝަނަށް (އީސީ) ހުށަހަޅައިފި އެވެ.

އެ ފޯމުތައް ހުށަހެޅުމަށް ފަހު އީސީގެ ކުރިމަތީގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި އެމްޑީޕީގެ ސެކެޓަރީ ޖެނަރަލް އަނަސް އަބްދުއް ސައްތާރު މިއަދު ވިދާޅުވީ "އެމްޑީޕީއާއެކު ކުރިޔަށް" މި ކެމްޕެއިންގެ ދަށުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެމްޑީޕީ އިން ކުރިޔަށް ގެންދާ ކެމްޕެއިނުގައި މިހާތަނަށް ގިނަ އަދަދެއްގެ ފޯމުތައް ޕާޓީއަށް ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން ޕްރޮސެސްކޮށް ނިމުނު ފޯމުތައް މިއަދު އީސީއަށް ހުށަހެޅީ ކަމަށެވެ.

އެގޮތުން މިއަދު ގާތްގަނޑަކަށް 300 އެއްހާ ފޯމް ހުށަހަޅައިފި ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ފޯމްތަކެއް ހުށަހަޅާނެ ކަމަށް އަނަސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެދުމަކީ އިލެކްޝަން ކޮމިޝަނުން ވީހާވެސް އަވަހަކަށް މި ފޯމުތައް ޕްރޮސެސްކޮށްދެއްވާ ޕާޓީގެ މެންބަރުންގެ ގޮތުގައި އެ ބޭފުޅުން ކަނޑައަޅައި ދެއްވާ ދަފްތަރުގައި ހިމެނުން،" އަނަސް ވިދާޅުވި އެވެ.

އަނަސް ވިދާޅުވީ އެމްޑީޕީ ހަރުގޭގައި މިހާރުވެސް ކެމްޕެއިންގެ މަސައްކަތްތައް ކުރިޔަށްދާނެ ކަމަށާއި އެއަށް ގިނަ ބައެއްގެ ތަރުހީބު ލިބޭ ކަމަށެވެ. އެގޮތުން އަލަށް ގުޅޭ މެންބަރުން ވެސް ޕާޓީއަށް ފޯމް ހުށަހަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.