ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ވަގުތީ ނަތީޖާ: ޕީއެންސީއަށް 66، އެމްޑީޕީއަށް 12

ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރި 66 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

އީސީ އިން ރޭ އިއުލާންކުރި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިދިކޮޅު އެމްޑީޕީއަށް ލިބުނީ 12 ގޮނޑި އެވެ.

އަމިއްލަ ގޮތުން ވާދަކުރި 11 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބުކޮށްފައިވާއިރު މީގެ ތެރޭގައި ޕީއެންސީ އިން އެންޑޯޒްކޮށްފައިވާ ކެންޑިޑޭޓުންވެސް ހިމެނެ އެވެ.

މީގެ އިތުރުން އެމްޑީއޭ އަށް ދެ ގޮނޑި، ޖޭޕީއަށް އެއް ގޮނޑި އަދި އެމްއެންޕީއަށް އެއް ގޮނޑި ލިބިފައިވެ އެވެ.

ޕީއެންސީއަށް 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބެނީ ކޯލިޝަން ޕާޓްނަރު އެމްޑީއޭ އާއި ޖޭޕީ އާއި އެމްއެންޕީގެ އިތުރުން ޕީއެންސީން އެންޑޯޒްކުރި އަމިއްލަ ކެންޑިޑޭޓުން ކާމިޔާބުކުރި ޖުމްލަ 74 ގޮނޑިއާއެކު އެވެ.

މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް ކެންޑިޑޭޓުން ވަނީ އިންތިހާބުކޮށްފަ އެވެ.

އާ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މޭ 28 ވަނަ ދުވަހު އެވެ.