ޓޫރިޒަމް ފުޅާވެފައިވާ ކ. މާފުށީގައި އާންމު އިޖުތިމާއީ މިންގަނޑު ހިފަހައްޓައި ކަންކަން ހަރުދަނާ ކުރަން ފުލުހުންނާއި ރަށު ކައުންސިލާއި ޓޫރިޒަމް ވިޔަފާރިކުރާ ފަރާތްތައް މަޝްވަރާ ކޮށްފި އެވެ.
ފުލުހުން އިސްވެ، މާފުށީ ކައުންސިލްގެ މެމްބަރުންނާއި އެ ރަށުގައި ޓޫރިޒަމް ވިޔަފާރި ކުރާ ފަރާތްތަކާއެކު މަޝްވަރާ ކުރީ މިދިއަ ބުދަ ދުވަހު މާފުށީގައެވެ.
ފުލުހުން ބުނީ އެ ރަށަކީ ރަަށްވެހި ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށަކަށްވެ އާންމުންނާއި ފަތުރުވެރިން އެކުގައި އުޅެމުންދާއިރު ފަތުރުވެރިންނާއި އާންމުންގެ ކިބައިން ނޭދެވޭ ކަމެއް ކުރިމަތިވާނަމަ އެކަންކަން ހުއްޓުވަން މަސައްކަތް ކުރަން އެ ބައްދަލުވުމުގައި އެއްބަސްވެފައިވާ ކަމަށެވެ.
އަދި ރަށުތެރޭގައި ނިވާކަން ކުޑަހެދުން ނޭޅުމަށް ބާރު އަޅައި އެކި ސަރަޙައްދުތަކަށް ފަތުރުވެރިން މޫދަށް އެރޭއިރު އާންމު މިންގަނޑުތަކާއި ޚިލާފު ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރަން މިހާރަށްވުރެ ބޮޑަށް އެހީތެރިވާން ފުލުހުން އެދިފައިވާނެ ކަމަށެވެ.
މާފުށީގައި 42 ގެސްޓް ހައުސް އާއި ޓޫރިޒަމް ވިޔަފާރިއާ ގުޅޭ އެނޫން ވެސް ގިނަ ވިޔަފާރިއެއް ހިނގަ އެވެ.