ހަބަރު

އޭޑީކޭ ގެ މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްވި ތިން މުވައްޒަފަކު ހައްޔަރުކޮށްފި

May 4, 2016
6
  • ހައްޔަރު ކުރީ 19 އަހަރާއި 21 އަހަރުގެ ބަޔަކު
  • އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނުނު
  • އެ މީހުން ހައްޔަރު ކުރީ ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި

އޭޑީކޭ ހޮސްޕިޓަލްގެ މިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް އެ ކުންފުނީގެ ތިން މުވައްޒަފަކު ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެ ތިން މީހުން ހައްޔަރުކޮށް ފުލުހުންގެ ތަހުގީގު ފަށައިފި އެވެ.

ފުލުހުން ބުނީ، މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލުން ހުށަހެޅި މައްސަލައަކާ ގުޅިގެން، ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައި ވަނީ އެ ހޮސްޕިޓަލްގައި ވަޒީފާ އަދާކުރަމުން ދިޔަ، އުމުރުން 19 އަހަރުގެ ދެ ފިރިހެނުންނާއި އުމުރުން 21 އަހަރުގެ ފިރިހެނެކެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.

މިދިޔަ މަހުގެ ތެރޭގައި ހިންގި އެ އޮޕަރޭޝަންގައި އެ ތިން މީހުންގެ ތެރެއިން އެކަކު ހައްޔަރު ކުރީ، ގިނަ އަދަދެއްގެ ފައިސާއާއި ފައިސާގެ މުއާމަލާތްތައް ކުރަން ބޭނުންކުރާ ވަސީލަތްތަކާއެކު އޭޑީކޭ އާ ދިމާ މަގުމަތިންނެވެ. އަނެއް ދެ މީހުން ހައްޔަރު ކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލްގެ ތެރެއިންނެވެ. އޭގެ ތެރެއިން އެކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ އާއި ފައިސާގެ މުއާމަލާތްތައް ހިންގުމަށް ބޭނުންކުރާ ވަސީލަތްތައް ފެނިފައިވާއިރު އަނެއްމީހާގެ އަތުންވެސް ފައިސާގެ މުއާމަލާތްތައް ހިންގުމަށް އެމީހުން ބޭނުންކުރި ވަސީލަތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި މި ތިން މީހުން ދިރިއުޅުނު ތަންތަން ކޯޓް އަމުރެއްގެ ދަށުން ބަަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާ އާއި މިމައްސަލައާއި ގުޅުންހުރި ތަކެތި އެތަންތަނުންވެސް ވަނީ ފެނިފަ އެވެ.

"މިހާތަނަށް ތަހުގީގުން ހޯދި ހޯދުންތަކުން އެނގޭގޮތުގައި 2016 ޖެނުއަރީ 01 ވަނު ދުވަހުން ފެށިގެން 2016 އޭޕްރީލް 29 ވަނަ ދުވަހާއި ހަމައަށް އިސްވެދެންނެވުނު ތިން މުވައްޒަފުން ގުޅިގެން އެއް މިލިޔަން ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ އަށް އެ 3 މުވައްޒަފުން ވަނީ ޚިޔާނާތްތެރި ވެފައެވެ،" ފުލުހުން ނެރުނު ސްޓޭޓްމަންޓްގައިވެ އެވެ.

މި މައްސަލާގައި ހައްޔަރުކުރި ތިން މުވައްޒަފުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން މިހާރު ވަނީ ހަތް ދުވަސް ޖަހައިފަ އެވެ.