ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އުފެދުނީ ރައްޔިތުންނަށް ބޭނުންވެފައިވާ ހައްގުތައް ހިމާޔަތްކޮށްދީ، އިޖްތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން ރާއްޖެ އާ އުސްމިންތަކަށް ވާސިލްކޮށްދިނުމުގެ ވިސްނުމާ އެކު ކަމަށާއި އެކަން ރާއްޖޭގެ ރައްޔިތުން ގަބޫލުކޮށްފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެެ.
ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ރައީސް މައުމޫން ކުރައްވަމުންގެންދަވާ، އަދި ކުރައްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސިންގަޕޫރުގެ ރޯޔަލް އިސްޓިޓިއުޓުން އެރުވި ޝަރަފް އެރުވުމަށް ހޮޓަލް ޖެންގައި މިއަދު ބޭއްވި، ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބު ކުރައްވާ މައުމޫން ވިދާޅުވީ އެމަނިކުފާނު ކުރެއްވި މަސައްކަތްފުޅުތަކުން ލިބިވަޑައިގެންނެވި ކާމިޔާބީތަކުގެ ހަގީގީ ހައްގުވެރިންނަކީ ރައްޔިތުން ކަމަށެވެ.
ރާއްޖެއަކީ ތަރައްގީވެފައިވާ ރައްޔިތެއް އޮތް ގައުމެއް ކަމަށާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ވަޒީފާ އަދާކުރުމުގެ މިނިވަންކަމާއި، ޑިމޮކްރަސީ ފަދަ އަސާސީ ހައްގުތައް މުޖުތަމައުގައި އޮންނަންޖެހޭ ކަމަށް ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އެމަނިކުފާނުގެ ޕާޓީ އުފެދިގެން އައީ އެ ކަންކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ކަމަށާއި އެކަން މިއަދު ރައްޔިތުން ބަލައިގެންފައިވާ ކަމަށެވެ.
"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ޖިންސީ ތަފާތުކުރުންތައް ނައްތާލުމާއި، ވަޒީފާގެ މިނިވަންކަމާ މިފަދަ ކަންކަން ރާއްޖޭގެ ރައްޔިތުން ގަބޫލުކުރޭ، އަޅުގަނޑުގެ ޕާޓީ އުފެދުނީ ރައްޔިތުންނަށް މިފަދަ ހައްގުތައް ކަށަވަރުކޮށްދީ، މުޖުތަމައު އިޖްތިމާއީ އިގްތިސޯދީ އަދި އެނޫންވެސް ދާއިރާތަކުން ކުރިއެރުވުމުގެ ވިސްނުމާ އެކު،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމްގެ ފަރާތުން ވެރިކަމަށް ކުރިމަތިލެއްވި ބޭފުޅަކު މިއަދު ވެރިކަމުގައި ހުންނެވުމަކީ ޕީޕީއެމް އާއި ޕީޕީއެމްގެ ވިސްނުން ރައްޔިތުން ގަބޫލުކޮށްފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި މަޖިލީހަށް ބެލިޔަސް އެކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދޭ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނަށްވުރެ ކުރިން ރާއްޖޭގައި ވެރިކަންކުރެއްވި ދެ ރައީސުންގެ ހިދުމަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖެއިން ހޯދި ކާމިޔާބީތަކަކީ އެ ދެ ބޭފުޅުން ފެއްޓެވި މަސައްކަތްޕުޅުތަކުގެ ނަތީޖާ ކަމަށެވެ. އެގޮތުން ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން އެކި ދާއިރާތަކަށް އައި ކުރިއެރުން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އިޖްތިމާއީ ހިދުމަތް ފޯރުކޮށްދިނުމަށް އެމަނިކުފާނުގެ ނަންފުޅުގައި އުފައްދާފައިވާ މައުމޫން ފައުންޑޭޝަންގެ ބައެއް މަސައްކަތްތަކަށްވެސް އަލިއަޅުވާލެއްވި އެވެ.
ސިންގަޕޫރުގެ ރޯޔަލް އިސްޓިޓިއުޓުން ރައީސް މައުމޫނަށް އޮނަރަރީ ފެލޯގެ ޝަރަފު އެރުވުމާއެކު އެމަނިކުފާނު ވެވަޑައިގެންފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުންވެސް އެ ޝަރަފު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅާއަށެވެ.