ހަބަރު

ހިޖާމާގެ ހިދުމަތްދޭ ތަންތަން ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކުރަން އަންގައިފި

ހިޖާމާ ނުވަތަ ކަވާ ޖަހައިދޭ، ތަންތަނުގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ވަކި މިންގަނޑެއްގައި ދެމެހެއްޓުން ކަށަވަރުކުރުމަށް އެފަދަ ތަންތަން ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކުރުމަށް އެ މިނިސްޓްރީން އަންގައިފި އެވެ.

ކަވާ ޖެހުމަކީ، ކުރަފަތަކުން ޖަހައި، ލޭކޮށާލުމަށް ފަހު އެތާނގެ ހަންގަނޑުގައި ކަވާފުޅި ހިއްޕައި، ފުޅީގައި ހުންނަ ލޯވަޅުގައި އަނގަޖަހައި ނުބައިވެފައި ހުންނަ ލެޔާއި ނުބައި މާއްދާތައް ދަމައިގަތުމެވެ.

ހެލްތުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެކި ކަހަލަ ބަލިބަލީގެ ޝިފާއެއްގެ ގޮތުގައި ހިޖާމާ ޖެހުން އިތުރުވަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ހިޖާމާ ޖެހުމަކީ ގިނަ ބަޔަކު ހިޔާރުކުރާ ފަރުވާއަކަށް ވާއިރު އާންމުންގެ ރައްކާތެރިކަމަށްޓަކައި އެފަދަ ފަރުވާ ދޭ ތަންތަނުގެ ސާފުތާހިރުކަން ހިފެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ހިޖާމާ ޖެހުމުގައި ގެންގުޅޭ އާލާތާއި މަސައްކަތުގައި ބަލަހައްޓަންޖެހޭ ސާފުތާހިރުކަމުގެ ކަންތައްތައް ފުރިހަމައަށް ނުބެލެހެއްޓިއްޖެނަމަ އެކަމުގެ ސަބަބުން ހިދުމަތް ހޯދާ މީހުންނަށް އެތައް ނުރައްކާތެރި ބަލިތަކެއް ވާސިލުވެ، އިތުރު ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބަޔާނުގައި ބުންޏެވެ. އެގޮތުން ހިޖާމާ ޖަހާ ތަންތަނުގައި ދޮސްލުން ފަދަ ކަންކަން ވުމުގެ އިތުރަށް، އެއިޑްސް، ހެޕަޓައިޓިސް. ބީ، ހެޕަޓައިޓިސް. ސީ ފަދަ ނުރައްކާތެރި ބަލިތައް އެކަކުގެ ފަރާތުން އަނެކަކަށް އެރުން އެކަށީގެންވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ ހިޖާމާ ޖެހުމުގެ ހިދުމަތްދޭ ފަރާތްތަކުން ހިދުމަތް ދިނުމަށް، އެ ތަނެއް މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް އަންގާ ކަމަށެވެ. ރަޖިސްޓްރީ ފޯމް މިނިސްޓްރީންނާއި މިނިސްޓްރީގެ ސައިޓުން ލިބޭނެ ގޮތް ވަނީ ހަދައިފަ އެވެ.

ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަނަކީ ވަކި ސާފުތާހިރު މިނެއްގައި ހިފަހައްޓަންޖެހޭ ތަންތަނެވެ. އަދި ގަވާއިދުން އިންސްޕެކްޓްވެސް ކުރާ ތަންތަނެވެ.