ހަބަރު

ޕެނަމާ ޕޭޕާޒް: ދިވެހި އިތުރު ވިޔަފާރިވެރިންތަކެއް ބޭޒާރުވެއްޖެ

  • ހަ ދިވެއްސެއްގެ ނަން އެބަ އޮތް
  • އޭގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިން ހިމެނޭ
  • ރާއްޖެއާ ގުޅޭ 17 މުއާމަލާތްކޮށްފައިވޭ

ދުނިޔޭގެ އެންމެ ހައި ޕްރޮފައިލް ފަރާތްތަކުން އެ މީހުންގެ ވަގު ވިޔަފާރިތައް ހިންގުމުގައި ބޭނުން ކުރާ، ޕެނަމާގެ އޮފްޝޯ ލޯ ފާމް، މޯސެކް ފޮންސޭކާ މެދުވެރިކޮށް ދިވެހިންގެ ތެރެއިން އިތުރު ބަޔަކު މުއާމަލާތްތަކެއް ހިންގާފައިވާކަން، "ޕެނަމާ ޕޭޕާޒް" އިން ފަޅާ އަރުވާލައިފި އެވެ.

މީގެ ކުރިން ރާއްޖެއާ ގުޅޭ ގޮތުން ހަމައެކަނި ފެންމަތިވެފައި އޮތް މައުލޫމާތަކީ، ހޮޓަލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން، އެޗްއާރުސީ ގެ ވެރިޔާ މުހައްމަދު އަލީ ޖަނާހު، ޖަނާ ގެ ނަމުގައި އޮންނަ ދެ އޮފްޝޯ ކުންފުނި މެދުވެރިކޮށް އޭނާ ހިންގެވި މުއާމަލާތްތަކެވެ.

އޮފްޝޯ އެކައުންޓްތައް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކާ ގުޅޭ، 11 މިލިއަނަށް ވުރެ ގިނަ ޑޮކިއުމަންޓް، "ޕެނަމާ ޕޭޕާޒް" ގެ ނަމުގައި އައިސީއައިޖޭ އިން އިންޓަނެޓަށް ލީކްކޮށް، ނޫސްވެރިންގެ ޓީމަކުން އެ މައުލޫމާތުތައް ދިރާސާ ކުރަމުން އަންނަ އިރު، މޯސެކް ފޮންސެކާ މެދުވެރިކޮށް ހަދާފައިވާ ކުންފުނިތައް މެދުވެރިކޮށް 17 ފަރާތަކުން ރާއްޖޭގެ އެކި ފަރާތްތަކާ އެކު މާލީ މުއާމަލާތްތަކެއް ވަނީ ކޮށްފަ އެވެ. އޭގެ ތެރޭގައި ބައެއް ދިވެހިންގެ ނަމާއި އެޑްރަސްތައް ހުރި އިރު ޗައިނާ، ހޮންކޮންގް، ޖަޕާން، ސައުދީ އަރަބިއްޔާ އަދި ރަޝިޔާގެ ބައެއް ވިޔަފާރިވެރިން މިފަދަ ކުންފުނިތައް ބޭނުންކޮށް ރާއްޖެއާ އެކު ވަނީ މާލީ މުއާމަލާތްތައް ހިންގައިފަ އެވެ.

ރޭ ލީކްކޮށްލި އާ ޑޮކިއުމަންޓްތަކާ އެކު، ހާމަވި މައުލޫމާތުތަކުން އެނގޭ ގޮތުގައި މޯސެކް އިން އުފައްދާފައިވާ ޕޭޕާ ކުންފުނިތައް މެދުވެރިކޮށް މާލީ މުއާމަލާތްތައް ހިންގާފައިވާ ދިވެހިންގެ ގޮތުގައި ހަ ދިވެއްސެއްގެ ނަން ހިމަނާފައިވެ އެވެ. އެހެން ނަމަވެސް އެ މީހުންގެ ތަފްސީލްތަކެއް އަދި ހާމަކޮށްފައެއް ނެތެވެ. އެހެން ނަމަވެސް އެ މީހުންގެ ނަންމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ކުންފުނީގެ ވިޔަފާރިތައް ހިންގާ ގައުމުތަކުގެ ތަފްސީލްތައް ވަނީ ހާމަކޮށްފަ އެވެ.

އޭގެ ތެރެއިން ގިނަ ދިވެހިންނަކީ ރާއްޖޭގައި ރިސޯޓްތައް ހިންގާ ޔުނިވާސަލް ގްރޫޕާ އެކި ގޮތްގޮތުން ގުޅުން އޮންނަ ފަރާތްތަކެވެ. އެހެން ނަމަވެސް މީގެން އެއްވެސް ވިޔަފާރި ވެރިޔަކު ނުހަމަ މުއާމަލާތްތަކެއް ކުރިކަން އަދި މިވަރަކުން ހާމައެއް ނުވެ އެވެ.

ޕެނަމާ ޕޭޕާޒްގައި ހުރި ދިވެހިން:

  • އަހުމަދު އުމަރު މަނިކު: ބަހާމާސްގައި 1999 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ މަލްޓި ޓްރޭޑް އިންވަސްޓްމަންޓް ލިމިޓެޑްގެ ހިއްސާދާރެއް. އެ ކުންފުނިން ވިޔަފާރިތައް ހިންގަނީ ސިންގަޕޫރު އަދި އިނގިރޭސިންގެ ހިމާޔަތުގައި އޮންނަ ގުއާންސީ ނަމަކަށް ކިޔާ ރަށެއްގައި.
  • ހަމްޒާ އަހުމަދު: ފެބުރުއަރީ 2015 ބްރިޓިސް ވާޖިން އައިލެންޑްގައި ރަޖިސްޓްރީ ކުރި ސައުތް ޕެރެޑިންގް ގެ ހިއްސާދާރެއް. އެ ކުންފުނިން ވިޔަފާރިތައް ހިންގަނީ ހޮންކޮންގައި.
  • ސަންޖޭ އިބްރާހިމް މަނިކު: ބްރިޓިޝް ވާޖިން އައިލެންޑްގައި 2007 ވަނަ އަހަރު ރަޖިސްޓްރީ ކުރި ލޯންގް ވެލް އިންޓަނޭޝަނަލް ލިމިޓެޑްގެ ހިއްސާދާރެއް. އެ ކުންފުނިން ވިޔަފާރި ހިންގަނީ ސިންގަޕޫރުގައި. ސަންޖޭ މަނިކަކީ ޔުނިވާސަލް ގްރޫޕްގެ ޑައިރެކްޓަރެއްގެ އިތުރުން އަލަށް ހަދާ ކަނޑިމަ މޯލްޑިވްސް ރިސޯޓްގެ މެނޭޖިން ޑިރެކްޓަރު.
  • އަހުމަދު މާހިރު: ލޯންގް ވެލް އިންޓަނޭޝަނަލް ލިމިޓެޑް ގެ ހިއްސާދާރެއް. އޭނާ އަކީ ވެސް ޔުނިވާސަލް ގްރޫޕްގެ ޑިރެކްޓަރެއް.
  • ޑރ. އިބްރާހިމް މަނިކު: މިހާރު ވިޔަފާރި ނުކުރާ ޕާމްޓްރީ ހޮޓަލްސް އޯވަސީސްގެ ހިއްސާދާރެއް. މީނާ އަކީ ވެސް ޔުނިވާސަލް ރިސޯޓްސްގެ ޑިރެކްޓަރެއް އަދި ޖަރުމަނުގައި ރާއްޖޭގެ ފަރާތުން ހުންނަ ކޮންސިއުލާގެ މަގާމު ފުރުއްވި.
  • އަލީ އިސްމާއިލް ޝިޔާމް އަބްދުﷲ: ފެބުރުއަރީ 2015 ބްރިޓިސް ވާޖިން އައިލެންޑްގައި ރަޖިސްޓްރީ ކުރި ސައުތް ޕެރެޑިންގް ގެ ހިއްސާދާރެއް. އެ ކުންފުނިން ވިޔަފާރިތައް ހިންގަނީ ހޮންކޮންގައި.

މޮސެއިކް ފޮންސެކާ މެދުވެރިކޮށް ކުންފުނިތައް ރަޖިސްޓްރީ ކުރި އިރު އެޑްރެސްގެ ގޮތުގައި ބޭނުން ކޮށްފައި ވަނީ، އެ މީހުންގެ ރާއްޖޭގެ އެޑްރެސްތަކެއް ނޫނެވެ. އޭގެ ބަދަލުގައި ޗައިނާ ރަޝިޔާ ޔޫކްރެއިން އަދި ޖަޕާންގެ އެޑްރަސްތައް ބޭނުންކޮށްފައިވެ އެވެ. ބެލެވޭ ގޮތުގައި އެއީ އެ މީހުންގެ ނަމުގައި އެ ތަންތަނުން ގަނެފައިވާ ފްލެޓްތަކުގެ ނޫނީ ބިންތަކުގެ އެޑްރެސްތަކެވެ.

މީގެން އެއްވެސް ފަރާތަކާ ގުޅަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ.

ވަގު ވިޔަފާރިތައް ހިންގުމަށް އެހީވާ، މޮސެއިކް ފޮންސެކާ މެދުވެރުކޮށް ހެދި ޕޭޕާ ކުންފުނިތައް މެދުވެރިކޮށް ރާއްޖެއާ އެކު ވިޔަފާރި ކުރި، ކަމަށް އެ ލިސްޓްގައި ދެން ބުނެފައިވާ، މީހުންގެ ތެރޭގައި ހިމެނެނީ، ސައުދީ އަރަބިއްޔާގެ ވިޔަފާރިވެރިއެއް ކަމަށްވާ، ހުސެން އަބްދުﷲ ބަރޫމް އާއި ޑައިމަންޑް އާއި މައުދަންގެ ވިޔަފާރި ކުރާ ރޮޖާ ވިލިއަމް ކެތްލީ އާއި އިނގިރޭސިވިލާތާއި ޗައިނާގެ ބައެއް ބިޒްނަސް ކޮންސަލްޓަންޓުންނާއި މާލީ އެކި ވިޔަފާރިތަކަށް އެހީތެރިވެދޭ ފަރާތްތަކެވެ.

މީގެ އިތުރަށް މިފަދަ ބައެއް ވިޔަފާރިވެރިން ކުންފުނި ރަޖިސްޓްރީ ކުރުމުގައި ބޭނުންކޮށްފައި ހުރީ ރާއްޖޭގެ ބައެއް އެޑްރެސްތަކެވެ.

ޕެނަމާ ޕޭޕާޒްގައި ބުނާ ގޮތުން ދުނިޔޭގެ ގައުމުތަކުގެ ބޮޑެތި ލީޑަރުންނާއި ވިޔަފާރިވެރިން ވަނީ ޕެނަމާގެ އޮފްޝޯ ލޯފާމް ފޮންސޭކާ މެދުވެރިކޮށް އެތައް ޓްރިލިއަން ޑޮލަރެއްގެ ވަގު ވިޔަފާރިތައް ހިންގައިފަ އެވެ. މި ލިސްޓްގެ އެންމެ ކުރީގައި އުޅުއްވަނީ، ރަޝިޔާގެ ރައީސް ބްލެޑްމިއަ ޕްޓިން އާއި ޕާކިސްތާން ބޮޑުވަޒީރު ނަވާޒް ޝަރީފާއި ސައުދީ ރަސްގެފާނާއި އައިސްލޭންޑްގެ ބޮޑު ވަޒީރާއި ގަތަރުގެ ވެރިކަމުގެ އިސްފަރާތްތައް އަދި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަން އެވެ.

މޯސެކް ފޮންސެކާ އިން މެނޭޖް ކުރާ އިތުރު 200،000 އެއްހާ އެކައުންޓްތަކާ ގުޅޭ އާ މައުލޫމާތުތަކެއް ރޭގެ ވަގުތެއްގައި ވަނީ އިންޓަނެޓަށް ލީކްކޮށްލައިފަ އެވެ.