ގދ. ގައްދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައި އޮތް އަންހެންމީހާއާ ހަވާލުވާން އާއިލާއިން އެއްވެސް އިރެއްގައި އިންކާރު ނުކުރާ ކަމަށާއި، ޖެންޑާގައި އެދުނީ އަންހެންމީހާގެ ނަފްސާނީ މައްސަލަތަކެއް ހުރުމުން އެކަމަށް ފަރުވާއެއް ހޯދައިދިނުމަށް ކަމަށް އާއިލާއިން ބުނެފި އެވެ.
އާއިލާއިން ހަވާލުވާން އިންކާރުކޮށްފައިވާ 26 އަހަރުގެ އަންހެނަކު ގައްދޫ ސިއްހީ މަރުކަޒުގައި އޮތް ކަމަށް ބުނެ ފެތުރުނު ހަބަރުތައް އާއިލާއިން ވަނީ ދޮގުކޮށް، އެ ވާހަކަތަކަށް އިންކާރުކޮށްފަ އެވެ.
އާއިލާގެ ފަރާތުން އަންހެން ކުއްޖާގެ ބޭބެ، މިއަދު "އަވަސް"އަށް ބުނީ، އެ އަންހެންކުއްޖާއަކީ ވަރަށް ކުރިއްސުރެ އާދަޔާ ހިލާފަށް ރުޅި އަންނަ ކުއްޖެއް ކަމަށާއި އެގޮތަށް ރުޅި އަންނަ ފަހަރުތަކުގައި އަމިއްލަ ނަފްސަށް އަނިޔާދޭންވެސް މަސައްކަތް ކުރާ ކަމަށެވެ. އަދި އެގޮތަށް ރުޅިއަންނަ ގަޑިއެއްގައި ތިން ހަތަރު މީހުންނަށް ވެސް އެކުއްޖާ ނުހިފެހެއްޓޭ ކަމަށް ވެސް ބޭބެ ބުންޏެވެ.
ތިން ކުދިން ލިބިފައިވާ އެ އަންހެންމީހާ މިދޭތެރޭގައި ރަނގަޅަށް ހުރުމަށްފަހު ގޯސްވާން ފެށީ އޭނާ ކުރިން އިނދެ ވަރިކުރި ފިރިހެން މީހާ ގުޅަން ފެށުމުން، އާއިލާއިން އެކަމަށް ދެކޮޅު ހެދުމުން ކަމަށް އަންހެންމީހާގެ ބޭބެ ބުންޏެވެ. އިއްޔެ ހޮސްޕިޓަލަށް ގެންދަންޖެހުނީ އެ ކަމާ މެދު ގޭގައި ދެއްކި ވާހަކައަކާ ހުރެ ރުޅިގަދަވުމުން ފިޓްޖެހިގެން ކަމަށް އޭނާގެ ބޭބެ ބުންޏެވެ.
"މި ދޭތެރެއިން ވަރަށް ރަނގަޅަށް ހުރެފަ އަނެއްކާވެސް އާއިލާއާ ތޮޅެން ފެށީ. އަޅުގަނޑުމެންނާއެކު އޭނަ އަބަދު އެ އުޅެނީ. އޭނަގެ ދެ ކުދިންވެސް ބަލަނީ އަޅުގަނޑުމެން. ތިން ވަނަ ދަރިފުޅު ހުރީ ތިނަދޫގައި އެ ދަރިފުޅު ބައްޕަ ކައިރީގަ. ވަރިވި ފަހުންވެސް އަބަދުވެސް އަޅުގަނޑުމެން އޭނަޔަށް އަޅާލަނީ. އެއްލާލާފަ އިހާނެތިކޮށެއް އެއްވެސް އިރަކު ނުހިތަން. އޭނައަކީ ރުޅި އަންނަ ގަޑިތަކުގައި ގިނައިން ފިޓްވެސް ޖެހޭ ކުއްޖެއް. ރަށުގެ މީހުންނަށް އެނގޭނެ މިކަން،" ބޭބެ ބުންޏެވެ.
އަންހެންމީހާގެ ބޭބެ ބުނީ، އަންހެންމީހާގެ މައްސަލައަކީ ރޫހާނީ ކަމެއްތޯ ބެލުމަށް ރުގްޔާ ވެސް ކުރި ކަމަށެވެ. ނަމަވެސް އެކަމުންވެސް ވަކި ތަފާތެއް ނައުމުން ޖެންޑަ މިނިސްޓްރީގައި އަންހެންމީހާއަށް ފަރުވާދެވޭގެ ގޮތެއް ހޯދައިދޭން އެދުނު ކަމަށެވެ. ނަމަވެސް އަންހެންމީހާއަށް ފަރުވާ ދެވެން އޮތީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންގޮސްގެން ކަމަށް ޖެންޑާއިން ބުނި ކަމަށާއި، އޭގެ ފަހުން މިދިޔަ ހަފުތާގައިވެސް އެރަށަށް ދިޔަ ޖެންޑާގެ ޓީމަކާ އެކު އެވާހަކަ ދެއްކި ކަމަށެވެ.
"އަޅުގަނޑުމެންގެ އާއިލާއަކީ އޭނަ މާލެއަށް ގެނެސްގެން ނަފްސާނީ ފަރުވާ ދެވޭވަރުގެ ގާބިލުކަމެއް ހުރި އާއިލާއަކަށް ނުވާތީ ޖެންޑާގައި ފަރުވާ ހޯދަން އެދުނީ. އެކަމަކު އޭނަޔަށް އަޅާނުލައި ދޫކޮށެއް ނުލަން. މިހާރުވެސް ހޮސްޕިޓަލުގައި ބާއްވައިގެންވެސް ގާތުގައި އަބަދުވެސް ކޮންމެވެސް މީހަކު އިންނާނެ. ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކޮށްފަ އޮއްވާ ވެސް ރުޅި އަރައިގަނެގެން ދުއްވައިގަންނަން އުޅުމުން ތިން ފުލުހުންނަށް ކިރިޔާ މައިތިރި ކުރެވުނީ،" އަންހެންމީހާގެ ބޭބެ ކިޔައިދިނެވެ.
އޭނާ ބުނީ މިއަދުގެ ހާދިސާ ހިނގުމުން ވެސް އަންހެންމީހާއަށް ފަރުވާ ދިނުމާ ގުޅޭ ވާހަކައެއް ޖެންޑާއިން ނުދައްކާ ކަމަށާއި، ނަމަވެސް ގުޅާފަ އަންހެންމީހާގެ ބޭހުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންދިޔުމަށް ބުނި ކަމަށެވެ.
މި މައްސަލާގައި ޖެންޑަ މިނިސްޓްރީން ބުނީ، އަންހެން މީހާއަށް ދައުލަތުގެ އެހީތެރިކަން ހޯދަދޭން އާއިލާގެ ފަރާތުން ރަސްމީ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ނަފްސާނީ ޑޮކްޓަރެއްގެ ލިޔުމެއްވެސް ހޯދާފައި ނުވާތީ، އަންހެންމީހާގެ ހާލަތު އެ މިނިސްޓްރީއަށް ކަށަވަރު ނުވާކަމަށެވެ. ނަމަވެސް އަންހެންމީހާއަށް އާއިލާގެ އެހީތެރިކަން ލިބޭތޯ މިހާރުވެސް ބަލަމުންދާ ކަމަށް ވެސް ބޭބެ ބުންޏެވެ.
"އަނގަބަހުން ދެކެވޭ ވާހަކަތަކަށް ބަލައިގެން މީހެއްގެ ނަފްސާނީ މައްސަލައެއް ހުރި ގަބޫލުކޮށް މިނިސްޓްރީއަކުން އެމީހަކު ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލު ނުކުރެވޭނެ ދެއްތޮ. އެކަމަށް އެބަ ބޭނުންވޭ ނަފްސާނީ ޑޮކްޓަރެއްގެ ލިޔުން، ފޯމު ފުރާ ރަސްމީކޮށް އެކަން އެބަ އެނގެން ޖެހޭ،" ޖެންޑާއިން ބުންޏެވެ.
އެ އަންހެންމީހާއާ ބެހޭ ގޮތުން އެރަށު ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެގެން ހުންނެވި އަހުމަދު ސައީދު ވެސް ވިދާޅުވީ އެ އަންހެންމީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ ކަމަށް ބެލެވޭ މީހެއް ކަމަށެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު އާއިލާގެ އެހީތެރިކަން ލިބޭ ކަމަށެވެ.
އަންހެންމީހާ މިހާރުވެސް އޮތީ ގައްދޫ ހޮސްޕިޓަލުގަ އެވެ. އޭނާގެ އަށް އަހަރުގެ ފިރިހެންކުއްޖަކާއި ހައަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން ތިން އަހަރުގެ ފިރިހެންކުއްޖެއް ވެސް ހުރެ އެވެ.